ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުތައް އުވާލައްވައި، ވެރިކަން ހުދުމުހުތާރު ވެރިކަމަކަށް ބަދަލުކޮށްފި ކަމަށާއި، މި ސަރުކާރަށް އިތުރަށް ފުރުސަތު ދީފިނަމަ ގައުމު ވެއްޓޭނީ ހަލާކުގެ ތެރެއަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މާލޭގައި ހުންނަ އެމްޑީޕީ ހަރުގޭގައި ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އިތުރު ދާއިރާގެ ބައި-އިލެކްޝަނަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަބްދުﷲ ސޯދިގު (ސޯބެ)ގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.ޖަލްސާގެ ބައިވެރިންނާ މުޚާތަބު ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތެއް (ސުޕަރ މެޖޯރިޓީ) ސަރުކާރަށް ދިނީ ރައީސް މުއިއްޒާއި ސަރުކާރުގެ ކެންޑިޑޭޓުން ވީ ވައުދުތައް ފުއްދުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ. ނަމަވެސް، ސަރުކާރަށް ދެ އަހަރު ވެގެންދާއިރު ގައުމު އޮތް ހާލަތު ކޮންމެ މީހަކަށްވެސް ފާހަގަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މި ވެރިކަން މިއޮތީ ހުދުމުހުތާރު ވެރިކަމަކަށް ބަދަލުވެފަ. މިނިވަން މުއައްސަސާތަކުގެ މުސްތަގިއްލުކަން މުޅިން ގެއްލިއްޖެ. ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަމުން އެދަނީ. އަސާސީ ހައްގުތައް މުޅިން ގެއްލި ހިގައްޖެ. މިނިވަން ނޫސްވެރިކަމެއް ކުރާނެ ޖާގައެއް ނެތް،" ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގައުމުގައި މިހާރު ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމެއް ނެތެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލާފައިވާ އިރު، ސަރުކާރާ އިދިކޮޅަށް ބަސްބުނާ ކޮންމެ މީހަކު ހައްޔަރުކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވަނީ، މުޒާހަރާތަކާ ގުޅިގެންނާއި އިހުތިޖާޖު ކޮށްގެން މިހާރު ބަންދުކޮށްފައި ތިބި އެންމެން ވަގުތުން ވަގުތަށް ދޫކޮށްލުމަށް ރައީސް ޑރ. މުއިއްޒަށް ގޮވާލައްވާފައެވެ. ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބަކީ ރިފަރެންޑަމެއްގެ ގޮތުގައި ސިފަކުރައްވައި ސޯލިހު ވިދާޅުވީ، އެ އިންތިހާބުން ރައްޔިތުން މި ސަރުކާރު ބޭނުންނުވާކަން ސާފުކޮށް ބުނެދީފި ކަމަށެވެ.

"މިއީ ބަދަލުކުރަން ޖެހިފައިވާ، ވަގުތުން ވަގުތަށް ބަދަލުކުރަން ޖެހިފައިވާ ސަރުކާރެއް،" ސަރުކާރަށް ފާޑުވިދާޅުވަމުން ސޯލިހު ވިދާޅުވިއެވެ.

މި ސަރުކާރަށް އިތުރަށް ފުރުސަތު ދިންވަރަކަށް ގައުމުގެ މިނިވަންކަން ގެއްލި، ގައުމު ދާނީ ހަލާކުގެ ތެރެއަށް ކަމަށް ވިދާޅުވެ، ރައްޔިތުން މިކަމާ މެދު ފުންކޮށް ވިސްނުމަށް ރައީސް ސޯލިހު ވަނީ އެދިވަޑައިގެންފައެވެ



ކިޔުންތެރިންގެ ހިޔާލު