ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޔަޒްމީދު މުހައްމަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މީޑިއާތަކަށް ކަށަވަރުކޮށްދެއްވި ގޮތުގައި، ޔަޒްމީދު މަގާމުން އިސްތިއުފާ ދެއްވިކަން ބަޔާންކޮށް އިއްޔެ ރައީސް އޮފީހަށް ވަނީ ސިޓީ ފޮނުއްވައިފަ އެވެ.

ޔަޒްމީދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވާ މެންބަރެއްގެ ގޮތުގައި ޖޭއެސްސީގައި އިންނެވި ބޭފުޅެކެވެ. ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ސަމީރު ވަކިކުރެއްވުމަށްފަހު، ޔަޒްމީދު ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރެއްވީ 23 ފެބުރުއަރީ 2025 ގަ އެވެ.

އޭނާ ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ މި ދެއްވީ، އޭނާގެ އަޑު ކަމަށް ބުނާ އޯޑިއޯތަކެއް ދާދިފަހުން ސޯޝަލް މީޑިއާގައި ދައުރުވެ، ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. ލީކުވެފައިވާ އެ އޯޑިއޯތަކުގައި، ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީއަށް ވޯޓު ނުދިނުމަށް ބާރުއަޅާ ވާހަކަ ދައްކަވާފައިވެ އެވެ. މީގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ބައެއްގެ މައްސަލަ، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާ ހަމައަށް ނުގޮސް ސަލާމަތް ކުރެވިދާނެ ކަމަށް ބުނާ އަޑުތަކެއް ވެސް އެ އޯޑިއޯއިން އިވެ އެވެ.



ކިޔުންތެރިންގެ ހިޔާލު