ވ. އަތޮޅު އަލިމަތާ ކައިރީގައި ކަނޑުއަޑީގެ ކޭވެއް ބަލަން އުޅުމުގެ ތެރޭގައި، ގެއްލިފައިވާ އިޓަލީގެ ހަތަރު ފަތުރުވެރިންގެ ހަށިގަނޑު ލޮކޭޓްކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ދެންމެ ބުނެފިއެވެ.

އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހަތަރު ފަތުރުވެރިން ހޯދަން ކޯސްޓްގާޑާއި ފުލުހުންނާއި އިޓަލީ ސަރުކާރުން ހަމަޖެއްސި ފިންލޭންޑްގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން ކުރި މަސައްކަތުން އެ މީހުންގެ ހަށިގަނޑު ލޮކޭޓްކުރެވިފައިވާ ކަމަށެވެ.

ގެއްލުނު ޑައިވަރުންގެ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި ފިންލޭންޑްގެ ހާއްސަ ޓީމެއް ރާއްޖެ އައީ އިއްޔެއެވެ. އަދި އެމީހުންގެ ރެސްކިއު އޮޕަރޭޝަން ފެށީ މިއަދުއެވެ. އެމްއެންޑީއެފުން އިތުރަށް ބުނީ ކުރިއަށް އޮތް ޑައިވްތަކުގައި އެ މީހުންގެ ހަށިގަނޑުތައް ކޭވުން ނެގުމުގެ މަސައްކަތް ކުރަން ފަށާނެ ކަަމަށެވެ.

"ގެއްލުނު 4 ފަތުރުވެރިންގެ ހަށިގަނޑު ފެނިފައިވަނީ އެ މީހުން ޑައިވް ކުރި ކޭވް (ހޮހޮޅަ) ތެރެއިން." އެމްއެންޑީއެފުން ބުނެފައިވެއެވެ.



ގެއްލިފައިވާ އިޓަލީގެ 4 މީހުންގެ ހަށިގަނޑު ލޮކޭޓް ކުރެވިފައިވާއިރު، މީގެކުރިން ފެނިފައިވަނީ ހަމައެކަނި 44 އަހަރުގެ ޑައިވިން އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެޓީގެ ހަށިގަނޑެވެ. މި ރެސްކިއު އޮޕަރޭޝަންގެ ތެރޭގައި ކޯސްޓްގާޑުގެ ޑައިވަރަކުވެސް ވަނީ ނިޔާވެފައެވެ.

މި ހާދިސާގައި ގެއްލުނު މީހުންގެ ތެރޭގައި ޔުނިވާސިޓީ އޮފް ޖެނޯއާގެ ފަރާތުން މޫސުމީ ބަދަލުތަކާ ގުޅޭ ދިރާސާއެއް ކުރުމަށް ރާއްޖެ އައިސް އުޅުނު އުމުރުން 51 އަހަރުގެ މެރިން ބަޔޮލޮޖިސްޓް މޮނިކާ މޮންޓެފަލްކޯން ހިމެނެއެވެ. އޭނާއާއެކު އޭނާގެ ދަރިފުޅު ޖިއޯޖިއާ ސޮމަކަލް (22 އަހަރު) އާއި އެ ޔުނިވާސިޓީގެ ރިސާޗް ފެލޯއެއް ކަމަށްވާ މުރިއެލް އޮޑެނީނޯ (31 އަހަރު) ވެސް ވަނީ ގެއްލިފައެވެ. މީގެ އިތުރުން އެ ޔުނިވާސިޓީން މާސްޓާސް ހާސިލްކޮށްފައިވާ އަދި ރާއްޖޭގެ ފަރުތަކާ ބެހޭގޮތުން ތީސީސް ލިޔުނު ފްރެޑެރިކޯ ގުއަލްޓިއޭރީ (31 އަހަރު) ވަނީ ގެއްލިފައެވެ.

މި ޙާދިސާ ހިނގާފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހު އަލިމަތާ ކޭވްގެ ގާތްގަނޑަކަށް 160 ފޫޓު ފުންމިނުގައެވެ. މި ޑައިވަރުން ދަތުރުކުރި 'ޑިއުކް އޮފް ޔޯކް' ސަފާރީއަކީ ޕަޑީ ފައިވް ސްޓާ ސަފާރީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެކެވެ. މި ހާދިސާއާ ގުޅިގެން މިނިސްޓްރީ އޮފް ޓޫރިޒަމުން ވަނީ މިދިޔަ ހުކުރު ދުވަހު އެ އުޅަނދުގެ ލައިސަންސް ސަސްޕެންޑް ކޮށްފައެވެ.

ކަނޑުއަޑީގެ މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ރާއްޖޭގެ ޑައިވިންގ އުސޫލުތަކަށް އިތުރަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު