ޗީފް މިނިސްޓަރު އެން. ޗަންދުރަބާބޫ ނައިޑޫ
ޗީފް މިނިސްޓަރު އެން. ޗަންދުރަބާބޫ ނައިޑޫ
އިންޑިއާގެ އާންދުރަ ޕްރަދޭޝްގެ އާބާދީ އިތުރުވުން ދަށަށްދާ ދިއުން ބަދަލުކުރުމަށްޓަކައި، އެ ސްޓޭޓުގައި އުފަންވާ ތިންވަނަ ކުއްޖާއަށް 30،000 ރުޕީސް އަދި ހަތަރުވަނަ ކުއްޖާއަށް 40،000 ރުޕީސްގެ ފައިސާގެ އިނާމެއް ދިނުމަށް އެ ސްޓޭޓުގެ ޗީފް މިނިސްޓަރު އެން. ޗަންދުރަބާބޫ ނައިޑޫ އިޢުލާނު ކުރައްވައިފިއެވެ.

އެ މަނިކުފާނު މިކަން އިޢުލާނު ކުރެއްވީ ސްރީކާކުލަމް ޑިސްޓްރިކްޓުގައި ބޭއްވި އާންމު ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. އަދި މި ނިންމުމާ ބެހޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހާމަކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޗީފް މިނިސްޓަރު ނައިޑޫ ވިދާޅުވި ގޮތުގައި، ކުދިންނަކީ ގައުމަށް އޮތް ބުރައެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އެއީ ގައުމުގެ މުއްސަނދިކަން ކަމުގައި ދެކެންޖެހެއެވެ.

ކުރިން އާބާދީ ކޮންޓްރޯލް ކުރުމަށް ވަކާލާތު ކުރެއްވި ނަމަވެސް، މިހާރުގެ ހާލަތަށް ބަލައި އުފަންވާ ރޭޓު މަތިކުރުމަށް މުޅި މުޖުތަމައު އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި އާ އިޢުލާނަކީ މީގެ ކުރިން ދެވަނަ ކުއްޖަކު ހޯދާ އާއިލާތަކަށް 25،000 ރުޕީސް ދިނުމަށް ވިސްނާފައި އޮތް އޮތުން އިތުރަށް ފުޅާކޮށް، ތިންވަނަ އަދި ހަތަރުވަނަ ކުއްޖާއަށްވެސް އިނާމު ލިބޭގޮތަށް ސަރުކާރުން ނިންމި ނިންމުމެކެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނައިޑޫ ފާހަގަކުރެއްވީ، އާމްދަނީ އިތުރުވުމާއެކު ބައެއް ދެމަފިރިން ހަމައެކަނި އެއް ކުއްޖަކު ހޯދުމަށް ނިންމާ ނިންމުމާއި، އަދި ފުރަތަމަ ލިބޭ ކުއްޖާއަކީ އަންހެން ކުއްޖަކަށް ވެއްޖެނަމަ ނޫނީ ދެވަނަ ކުއްޖަކު ހޯދަން ބޭނުންނުވާ ފަދަ އާދަތަކެއް މުޖުތަމައުގައި އަށަގަންނަމުންދާ ކަމަށެވެ.

މީގެ ސަބަބުން ސްޓޭޓުގެ އާބާދީ ދަށަށްދާ ކަމުގެ އިންޒާރު ދެއްވަމުން، އާބާދީ އެއްވަރެއްގައި ހިފެހެއްޓުމަށް ބޭނުންވާ ފާޓިލިޓީ ރޭޓް (ޓީ.އެފް.އާރް) 2.1 ގައި ދެމެހެއްޓުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ދުނިޔޭގެ އެކި ގައުމުތަކުގައި އާބާދީ ދަށަށް ގޮސް، އުމުރުން ދުވަސްވީ މީހުން ގިނަވުމުގެ ސަބަބުން އިގްތިސާދަށް ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތަކަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު