އީރާނުގެ ރޫހާނީ ލީޑަރު މުޖުތަބާ ހާމަނާއީ، ޗައިނާގެ ރައީސް ޝީޖިންޕިންގ އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އީރާނުގެ ރޫހާނީ ލީޑަރު މުޖުތަބާ ހާމަނާއީ، ޗައިނާގެ ރައީސް ޝީޖިންޕިންގ އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އީރާނަށް އެއްވެސް ބާވަތެއްގެ މާއްދީ އެހީތެރިކަމެއް ފޯރުކޮށްނުދިނުމަށް ޗައިނާއިން އެއްބަސްވެފައިވާކަން އެމެރިކާގެ ވިޔަފާރިއާ ބެހޭ މަންދޫބު ހާމަކުރައްވައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިސް ވިޔަފާރި މަންދޫބު އާދީއްތަ ދުވަހު ވިދާޅުވި ގޮތުގައި، އީރާނަށް އެއްވެސް ކަހަލަ "މާއްދީ އެހީތެރިކަމެއް" ފޯރުކޮށްނުދިނުމުގެ ޔަގީންކަން ރައީސް ޓްރަމްޕް ވަނީ ޗައިނާގެ ފަރާތުން ހޯއްދަވާފައެވެ. ނަމަވެސް، ހޯރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމުގެ މަސައްކަތުގައި ޗައިނާގެ ސީދާ އަސްކަރީ އެހީތެރިކަމަކަށް އެމެރިކާއިން އެދިފައެއް ނުވެއެވެ.

އޭބީސީ ނިއުސްގެ "ދިސް ވީކް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޖޭމިސަން ގްރީއާ ވިދާޅުވީ، ރައީސް ޓްރަމްޕް ޗައިނާއަށް ކުރެއްވި ދަތުރުފުޅަކީ ހޯރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި ފިޔަވަޅު އެޅުމަށް އެދިވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ރައީސްގެ އެންމެ ބޮޑު މަގުސަދަކީ އީރާނަށް ޗައިނާއިން އެއްވެސް އެހީއެއް ނުދޭނެކަން ކަށަވަރު ކުރެއްވުން ކަމަށާއި، އެކަމުގެ ފުރިހަމަ ޔަގީންކަން ޗައިނާގެ ފަރާތުން ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގްރީއާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހޯރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމަކީ ޗައިނާގެ ވެސް މަސްލަހަތު އޮތް ކަމެކެވެ. އެހެންނަމަވެސް، ޗައިނާއާ ގުޅިގެން އަސްކަރީ ހަރަކާތްތަކެއް ހިންގެވުމަކީ ރައީސް ޓްރަމްޕް ބޭނުންފުޅުވާ ގޮތެއް ނޫން ކަމަށާއި، މީގެ ކުރިން ވެސް އެމެރިކާގެ އެއްވެސް ރައީސަކު އެފަދަ ކަމެއް ކުރައްވާފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމެރިކާގެ މައިގަނޑު ބޭނުމަކީ އެ ސަރަހައްދުގެ ހަމަޖެހުމަށް ކުރާ މަސައްކަތްތަކަށް ޗައިނާއިން ހުރަސްނޭޅުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންއާ އެކު ބެއިޖިންގްގައި ބޭއްވި ދެ ދުވަހުގެ ސަމިޓަށް ފަހު، ރައީސް ޓްރަމްޕް މިހާރު ވަނީ އެނބުރި ވައިޓް ހައުސްއަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުން އާދަޔާ ހިލާފު އާ ނަތީޖާތަކެއް ފެންނަން ނެތް ނަމަވެސް، ތައިވާނަށް ހަތިޔާރު ވިއްކުމާ ގުޅޭގޮތުން ޓްރަމްޕް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ތައިވާނަށް ހަތިޔާރު ފޯރުކޮށްދިނުމާ ގުޅޭގޮތުން ރައީސް ޝީއާ އެކު ފުންކޮށް މަޝްވަރާ ކުރެއްވި ކަމަށް ޓްރަމްޕް ނޫސްވެރިންނަށް މައުލޫމާތު ދެއްވިއެވެ. ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވީ، ހަތިޔާރު ވިއްކުމާ މެދު އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށާއި، އެއީ ވެދާނެ ނުވަތަ ނުވެސް ވެދާނެ ކަމެއް ކަމަށެވެ.

މިވާހަކަތަކާ ގުޅިގެން ގްރީއާ ވިދާޅުވީ، ތައިވާނާ މެދު އެމެރިކާގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އެމެރިކާގެ އެންމެ ބޮޑު އިސްކަމަކީ ތައިވާން ކަނޑުއޮޅީގެ މިހާރުގެ ހާލަތު ދެމެހެއްޓުން ކަމަށާއި، ރައީސް ޓްރަމްޕް ވަނީ އެމެރިކާގެ ސިޔާސަތު ކުރިން ވެސް އޮތް ގޮތަށް ދެމިއޮންނާނެކަން ސާފުކޮށްދެއްވާފައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ސަރަހައްދުގެ ސުލްހަވެރިކަން ދެމިއޮތުމަށް އެމެރިކާއިން އެދޭ ކަމަށާއި، ރައީސް ޝީ އެ ހާލަތު ބަދަލުކުރަން މަސައްކަތް ކުރައްވާނަމަ އެއީ އެމެރިކާއިން ނުހަނު ސަމާލުކަންދޭނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮންގްރެސްއިން ކުރިން ހުއްދަ ދީފައިވާ ހަތިޔާރު ވިއްކުމުގެ މައްސަލައިގައި ގްރީއާ ވިދާޅުވީ، އެކަމުގައި އެންމެ ފަހުގެ ގޮތް ނިންމަވާނީ ރައީސް ޓްރަމްޕް އަމިއްލަފުޅަށް ކަމަށެވެ. އަދި އެކަން ކުރިއަށްދާނެ ވަގުތަކާއި ގޮތެއް ކަނޑައަޅުއްވާނީ ވެސް ސީދާ ރައީސް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު