ކުރީގެ ރައީސުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން؛ ފޮޓޯ މިހާރު
ކުރީގެ ރައީސުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން؛ ފޮޓޯ މިހާރު
ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު އެކުގައި މަސައްކަތް ކުރައްވަން އެއްބަސްވުމެއްގައި ސޮއިކުރައްވައި ގުޅިފައިވާ ބަޔާނެއް ނެރުއްވައިފި އެވެ.

ކުރީގެ ތިން ރައީސުން އިއްތިހާދުވެ، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން ނިއްމީ ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދު، އަބްދުﷲ ޔާމީން އަދި އިބްރާހިމް މުހައްމަދު ސޯލިހު ރޭ ބޭއްވެވި ބައްދަލުވުމަށްފަހުއެވެ. އެކުގައި މަސައްކަތް ކުރެއްވުމަށް ރަސްމީ އެއްބަސްވުމެއްގައި އެތިންބޭފުޅުން ރޭ ވަނީ ސޮއިކުރައްވައިފައެވެ. ގާތްގަނޑަކަށް ބައިގަޑިއިރަށް ދެމިގެންދިޔަ މި ބައްދަލުވުމަކީ މި ތިން ބޭފުޅުން ސިޔާސީ ގޮތުން ގުޅިވަޑައިގެން، ގައުމީ މަސައްކަތެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. ​މި އެއްބަސްވުމުގައި ބުނެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކަށް ފާޅުގައި އަރައިގަނެ، ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ މުއައްސަސާތަކުގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ. މީގެ އިތުރުން، މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅުމާއި، ނޫސްވެރިން ޖަލަށްލުމާއި، ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ދަށްވެ އިގުތިސޯދު ހީނަރުވެ، ތަކެތީގެ އަގު އިންތިހާއަށް އުފުލިފައިވާ ކަމަށް ވެސް ތިން ރައީސުން ސޮއިކުރެއްވި އެ ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. ​މި ކަންކަން އިސްލާހުކުރަން ސަރުކާރުން ނުކުޅެދިފައިވާ ކަމަށާއި، ރައްޔިތުންގެ ފައިސާ އާއި މުދާ އަމާނަތްތެރިކަމާ އެކު ބަލަހައްޓާނެ ކަމުގެ އިތުބާރު މިހާރު ގެއްލިފައިވާ ކަމަށް ވެސް އެއްބަސްވުމުގައި ބުނެފައިވެއެވެ. އެތައް ޒަމާނެއް ވަންދެން މަސައްކަތްކޮށްގެން ދިވެހިން ހޯދި ޑިމޮކްރަސީގެ ހަމަތައް ރާއްޖޭން ފޮހެވިގެންދާތީ، ގައުމު އަލުން ހަމަ މަގަށް އެޅުވުމަށް ތިން ބޭފުޅުން ގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް މިހާރު ވަނީ ނިންމައިފައެވެ.

​މި އެއްބަސްވުމުގެ ދަށުން އެންމެ ފުރަތަމަ ކަމަކަށް ތިން ރައީސުން ގޮވާލައްވާފައިވަނީ ކްރިމިނަލް ކޯޓުން ނެރެފައިވާ ގެގް އޯޑަރާ ހިލާފުވުމުގެ ކުށުގައި ޖަލަށްލާފައިވާ ދެ ނޫސްވެރިންނާއި، އެކަމާ ދެކޮޅަށް އަޑުއުފުލައިގެން ހައްޔަރުކުރި މީހުން ވަގުތުން ދޫކޮށްލުމަށެވެ. އަދި "އަދަދު" ނޫހުގެ ދެ ނޫސްވެރިއަކަށް ހިންގާ ޝަރީއަތްތައް ހުއްޓާލުމަށް ވެސް އެ ބޭފުޅުން ސަރުކާރަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު