'އަދަދު' ނޫހުގެ ދެ ނޫސްވެރިން ވަގުތުން މިނިވަންކޮށް، އެ ނޫސްވެރިންގެ މައްޗަށް ހިންގަމުންދާ ޝަރީއަތްތައް ހުއްޓާލުމަށް ރާއްޖޭގެ ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސް މުޙައްމަދު ނަޝީދު އަދި ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ސަރުކާރަށް ގޮވާލައްވައިފިއެވެ.

ގައުމުގެ މިހާރުގެ ހާލަތާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު ތިން ރައީސުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރަށް ވަނީ ބޮޑެތި ޑިމާންޑްތަކެއް ހުށަހަޅުއްވާފައެވެ. އެގޮތުން އެ ބޭފުޅުންގެ އެންމެ ފުރަތަމަ އިސްކަމެއްގެ ގޮތުގައި ހުށަހެޅުއްވީ، 'އަދަދު' ނޫހުގެ ހައްޔަރުކޮށްފައިވާ ދެ ނޫސްވެރިން ވަގުތުން ދޫކޮށްލުމަށާއި، އިތުރު ދެ ނޫސްވެރިއެއްގެ މައްޗަށް ހިންގަމުންދާ ޝަރީއަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޔާމީން ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅަމުންދާ ކަމަށެވެ. އަދި ނޫސްވެރިންގެ އަޑު ކަނޑުވާލުމަށް 'ގެގް އޯޑަރެއް' ނެރެ، ޝަރުއީ ނިޒާމު މެދުވެރިކޮށް ބިރުދައްކަމުންދާ ކަމަށް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

"އަމާޒަކީ އެއްވެސް ވަރަކަށް ދޫ ނުދީ މިކަން ކުރާނަން، [ރައީސް] މުއިއްޒު މިކަން އަޑު އަހައިގެން ކަން ކުރައްވަންދެން މި މަސައްކަތް ކުރަމުން ގެންދާނަން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގައުމުގެ އިގްތިސާދީ ހާލަތު ދަށަށް ގޮސް ރައްޔިތުން ތަހައްމަލުކުރަމުންދާ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ނޫސްވެރިންނާއި ސިޔާސީ ފަރާތްތަކުގެ ގައުމީ ވާޖިބެކެވެ. އަދި ފާއިތުވި 20 އަހަރު ސިޔާސީ މައިދާނުގައި މަސައްކަތް ކުރެއްވި ތިން ބޭފުޅުންގެ ހައިސިއްޔަތުން، ގައުމުގެ މަސްލަހަތު ހިމާޔަތް ކުރުމުގެ ބޮޑު ޒިންމާއެއް އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ތިން ރައީސުން އެކީގައި ނުކުންނަވަން ޖެހުނީ ގައުމުގެ ކަންކަން ހީކުރި ވަރަށް ވުރެ ބޮޑަށް ގޯސް މަގަކުން ހިނގަމުންދާތީ، ގައުމު ސަލާމަތް ކުރުމަށް އިސްނަގަން ޖެހިފައިވާތީ ކަމަށެވެ. އެގޮތުން މިވަގުތު އެންމެ މުހިންމު ކަމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އޮތް ހުރަސްތައް ނައްތާލައި ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށް ސޯލިހު ވިދާޅުވިއެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، ޑިމޮކްރަސީއެއްގައި ނޫސްވެރިން ހައްޔަރުކޮށްގެން ގެންގުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިރެއިން މިރެޔަށް ވެސް ސަރުކާރުން ކުރަންޖެހޭ ކަމަކީ ހައްޔަރުގައި ތިބި ނޫސްވެރިން ދޫކޮށްލުން ކަމަށެވެ. އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގޮތަށް ނެރެފައިވާ އެންމެހާ އަމުރުތައް ބާތިލުކޮށް، ނޫސްވެރިންނަށް ބިރުވެރިކަމެއް ނެތި މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކޮށްދޭންޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ގުޅިފައިވާ ކޯލިޝަނުގެ މައިގަނޑު ބޭނުން

ތިން ރައީސުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި، މި މަސައްކަތަކީ ވަކި 'ޓައިމްލައިން' އެއް ކަނޑައަޅައިގެން ކުރާ މަސައްކަތެއް ނޫނެވެ. މިއީ ސަރުކާރުން އަޑުއަހައި، ކަންކަން އިސްލާހު ކުރަންދެން ދެމިއޮންނާނެ ހަރަކާތެއް ކަމަށް ތިން ރައީސުން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު