އާ ފެށުމަކަށް ތައްޔާރުވެ، ގޭތެރޭގައި ހުރި ބޭނުންނެތް ސާމާނުތައް އުކާލައި ތަރުތީބުކޮށްލާށެވެ. ތަރުތީބުކޮށް އޮންނަ ގެއަކީ އާއިލީ ދިރިއުޅުމަށް ނަފްސާނީ ހަމަޖެހުމާއި އުފާވެރިކަން ގެނުވައިދޭނެ ކަމެކެވެ.

ބޭނުންނެތް ތަކެތި އުކާލުމަކީ ތިބާއަށް އުނދަގޫ ކަމެއް ނަމަ، ފަހަރެއްގައި ގިނަ އަހަރުތަކެއް ވަންދެން ބޭނުންނުކޮށް ހުރި "ސާމާނުތަކުން" ތިބާގެ ވަތްގަނޑުތަކާއި، އަލަމާރިތަކާއި، މޭޒުމަތިތައް ވަނީ ފުރިފައެވެ. މިކަން މެދުވެރިވަނީ ވަރަށް މަޑުމަޑުންނެވެ. މިއަދު ބާއްވާލެވޭ ބިލަކާއި، "ފަހުން ބޭނުންވެދާނެތީ" ބާއްވާ އެއްޗަކުން ގޮސް، ކުއްލިއަކަށް މުޅި ތަން ބަރާވެ، ކަންތައްތައް އަތުން ނެއްޓޭ ހިސާބަށް ދެއެވެ. މިއީ ކުރަން ފަށަން ބުރަ މަސައްކަތަކަށް ވެދާނެތީ، ގިނަ ފަހަރަށް މިކަން މާދަމާއަށް ފަސްކޮށްލެވެއެވެ.



ގޭތެރެ ހަމަޖެހޭ ތަނަކަށް ހެދުމަށްޓަކައި އަމަލީ ގޮތުން ކުރެވިދާނެ ކަންތައްތަކާބެހޭގޮތުން، ގޭތެރެ ތަރުތީބުކުރުމުގެ މާހިރުން ކަމަށްވާ 'ދަ ކާމް ހޯމް ކޮމްޕެނީ' ގެ ބާނީ ހެދަރ ދިލަން އާއި، 'ޓައިޑީ ކޯޗިންގ' ގެ ބާނީ އެސްމޭ ފިޝަރ ވަނީ މުހިންމު އިރުޝާދުތަކެއް ހިއްސާކުރައްވާފައެވެ.

އެބޭފުޅުން ވިދާޅުވާ ގޮތުގައި ދިރިއުޅުމަށް މާ ބޮޑު ބަދަލެއް ނުގެނެސް ކުޑަކުޑަ ކަމަކުން ގޭތެރެ ތަރުތީބު ކުރެވިކޮށް ބެހެއްޓިދާނެ އެވެ. އެގޮތުން މިބަލާލަނީ ތަރުތީބުކޮށް ބެހެއްޓުމަށް އަޅުގަނޑުމެންނަށް ކުރެވިދާނެ ބައެއް ކަންތައްތަކަށެވެ.

މިހާރު ހުރި ޖާގައެއްގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން

ގިނަ މީހުންނަށް ކުރިމަތިވާ އެންމެ ބޮޑު ޝަކުވާއަކީ ހުރިހާ އެއްޗެއް ބަހައްޓާނެ ފުދޭވަރެއްގެ ޖާގަ ގޭގައި ނެތުމެވެ. ނަމަވެސް މާހިރުން ވިދާޅުވާ ގޮތުގައި މައްސަލައަކީ ޖާގަ ކުޑަވުމެއް ނޫނެވެ. މައްސަލައަކީ އެ ޖާގަ ބޭނުންކުރެވޭ ގޮތެވެ.

ކޮންމެ މީހަކަށްވެސް ތަކެތި ރައްކާކުރަން ލިބިފައިވަނީ ވަކި މިންވަރެއްގެ ޖާގައެކެވެ. އެހެންކަމުން، ތަކެތި ގިނަވެ ތަރުތީބު ގެއްލުނަނުދިނުމަށްޓަކައި ގަވާއިދުން ބޭނުންނެތް ތަކެތި އުކާލައި، ކޮންމެ އެއްޗަކީވެސް އެ އެއްޗެއް ބާއްވާނެ ވަކި ހާއްސަ ތަނެއް ކަނޑައެޅިފައިވާ އެއްޗަކަށް ހަދަންޖެހެއެވެ. ބިންމައްޗާއި މޭޒުމަތީގައި ތަކެތި ބެހެއްޓުމުން ގޭތެރެ ހަޑިވެ، ހާސްކަން އިތުރުވެއެވެ.

އަދި ތިބާގެ ހަރުތަކާއި ވަތްގަނޑުތައް ހުރީ އެންމެ އެކަށީގެންވާ ގޮތަށްތޯ ބެލުން މުހިންމެވެ. ފާރުގައި ހަރުކުރާ ހަރުތަކާއި، ކަނުތަކުގެ ބޭނުން ހިފައިގެން، ބިންމަތީގެ ޖާގަ ދޫކޮށްލުމަށްފަހު މަތީގެ ޖާގަތައް ބޭނުންކުރުމަކީ ތަކެތި ގިނަކުރަން އޮތް އެންމެ ފަސޭހަ މަގެވެ.

ކުދިކުދި އާދަތަކުން ބޮޑު ބަދަލެއް

ގޭތެރެ ތަރުތީބުކުރުމަކީ ވަރަށް ބޮޑު މަސައްކަތެއް ކަމަށް ހީވެދާނެއެވެ. ނަމަވެސް މީގެ އަސްލަކީ ކޮންމެ ދުވަހަކު ކުރާ ކުދިކުދި ކަންތައްތަކެވެ.

ކޮންމެ ދުވަހަކުވެސް އިރުއޮއްސޭ ވަގުތު 10 އާއި 30 މިނެޓާ ދެމެދުގެ ވަގުތެއް ގޭތެރެ ސާފުކުރުމަށް ހުސްކޮށްލާށެވެ. ތަކެތި ހުންނަންޖެހޭ ތަނަށް ލައި، މޭޒުމަތި ސާފުކޮށްލުމުން، ކުނިބުނި ގިނަވިޔަނުދީ ހިފެހެއްޓޭނެއެވެ. ބުރަ ދުވަހަކަށްފަހު މިއީ އުނދަގޫ ކަމަކަށް ވެދާނެ ނަމަވެސް، މި ކުޑަ ވަގުތުކޮޅުން މާދަމާ ތިބާއަށް ލިބޭނެ ތަސައްލީ ބޮޑުވާނެއެވެ.

ހަފްތާ ބަންދު ފަދަ ވަގުތު ލިބޭ ދުވަސްތަކުގައި، އެއްފަހަރާ މުޅި ގެ ސާފުކުރުމުގެ ބަދަލުގައި އެއް ވަތްގަނޑު ނުވަތަ އެއް ހަރު ފަދަ ކުޑަ ތަންކޮޅަކަށް ސަމާލުކަން ދޭށެވެ.



ތަކެތި ދޫކޮށްލަން ދަސްކުރުން

ގޭތެރެ ތަރުތީބުކުރުމުގައި އެންމެ އުނދަގޫ ކަމަކީ ބޭނުންނެތް ތަކެތި އުކާލުމެވެ. ގިނަ ފަހަރަށް އަޅުގަނޑުމެން ތަކެތި ބަހައްޓަނީ އެއާ މެދު އޮންނަ ކޮންމެވެސް ކަހަލަ ގުޅުމެއްގެ ސަބަބުން ނުވަތަ ދުވަހަކުން ބޭނުންވެދާނެ ކަމަށް ހީކޮށްފައެވެ.

އެއްޗެއް ބާއްވާނީތޯ ނުވަތަ އުކާލާނީތޯ ނިންމުމަށް މި ސުވާލުތައް ކޮށްލާށެވެ:

1. އެންމެ ފަހުން މި އެއްޗެއް ބޭނުންކުރީ ކޮން އިރަކު؟

2. މިއަދު އަލުން މި އެއްޗެއް ގަންނާނަންތަ؟

3. މީގެ ސަބަބުން އަހަންނަށް އުފާވެރިކަން ލިބޭތަ؟

ފާއިތުވި އެއް އަހަރު ތެރޭގައި ބޭނުންނުކުރާ، އަދި އެއްވެސް މުހިންމު ބޭނުމެއް ނެތް އެއްޗެއް ނަމަ، އެ އެއްޗެއް ދޫކޮށްލަންވީ ވަގުތު ޖެހުނީއެވެ. އަގުހުރި ތަކެތި ވިއްކާލެވިދާނެއެވެ ނުވަތަ ހަދިޔާ ކުރެވިދާނެއެވެ. ހަނދާން ބަހައްޓަންވީ ކަމަކީ، ތިބާގެ އަތުގައި ތަކެތި ގިނަވި ވަރަކަށް، އެ ތަކެތި ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ބޮޑުވާނެ ކަމެވެ.



ތަކެތި ރައްކާކުރުމުގައި ބުއްދިވެރި ގޮތްތައް އިޚްތިޔާރުކުރުން

ތަކެތި ބަހައްޓާނެ ޖާގަ މަދުނަމަ، ތަރުތީބުކުރުމުގެ މުހިންމުކަން އިތުރުވެއެވެ. މިކަމުގައި އެންމެ މުހިންމު ކަމަކީ އެ އެއްޗެއް ބޭނުންކުރާ މިންވަރަށް ބަލައި ތަރުތީބުކުރުމެވެ. ކޮންމެ ދުވަހަކު ބޭނުންވާ ތަކެތި، މިސާލަކަށް މޫނު އުނގުޅާ ސާމާނާއި، ފުނަލާއި، އާންމުކޮށް ލާ އަންނައުނު ފަދަ ތަކެތި އަލަމާރި ނުވަތަ ވަތްގަނޑުތަކުގެ ކުރިމަތީގައި، ފަސޭހައިން އަތުޖެހޭނެހެން ބަހައްޓަންވާނެއެވެ.



މަދުން ބޭނުންކުރާ ތަކެތި، މިސާލަކަށް ހާއްސަ މުނާސަބަތުތަކުގައި ލާ ހެދުމާއި އިތުރު ސާމާނުތައް ފަހަތުގައި ރައްކާކުރެވިދާނެއެވެ.

މޫސުމަށް ބަލައި އަންނައުނުތައް ބަދަލުކުރުމަކީ ވެސް ޖާގަ އިތުރުކުރުމަށް ކުރެވިދާނެ ކަމެކެވެ. އެ ދުވަސްވަރަކު ލާން ބޭނުންވާ ހެދުންތައް އެކަނި އަތުޖެހޭ ހިސާބުގައި ބަހައްޓައި، ބާކީ ހުރި ތަކެތި އެނދު ދަށުގައި ނުވަތަ ފޮށިފޮށީގައި ރައްކާކުރުމުން އަލަމާރި ބެލެހެއްޓުމަށް ފަސޭހަވާނެއެވެ. މީގެ އިތުރުން، ފޮތި ކޮތަޅާއި، ވެކިއުމް-ޕެކް ކޮތަޅު ފަދަ ތަކެތި ބޭނުންކުރުމަކީ ހަގު ކުދިންނަށް ދިނުމަށް ރައްކާކުރާ ހެދުންތައް ބެހެއްޓުމަށް ވަރަށް ރަނގަޅު ގޮތެކެވެ.

ކޮޓަރި ތެރޭގައި ހެދުން ގުންޏާފައި ބެހެއްޓުމުގެ އާދަ ހުއްޓުވުން އަދި ތަރުތީބް ކުރުން

ކޮޓަރީގެ ތަޅުންގަނޑަކީ ދެވަނަ އަލަމާރިއަކަށް ބަދަލުވެފައިވާނަމަ، ތިޔައީ އެކަނި އެކަން ދިމާވާ މީހެއް ނޫނެވެ. މާހިރުން ބުނާ ގޮތުގައި މިއީ ވަރަށް ގިނަ މީހުންނަށް ދިމާވާ އާންމު ކަމެކެވެ.

އާދައިގެ ބައެއް އުސޫލުތަކުން މިކަމަށް ބޮޑު ބަދަލެއް ގެނެވިދާނެއެވެ. އަލަމާރީގައި ހެދުން އަޅުވާ ރެއިލްތަކުގައި ބައިތައް ވަކިކުރާ އެއްޗެހި ބޭނުންކުރުމުން ހެދުން ހޯދަން ފަސޭހަވެއެވެ. އަދި ތުނި 'ވެލްވެޓް' ހޭންގަރު ބޭނުންކުރުމުން، އާދައިގެ ހޭންގަރަށްވުރެ މަދު ޖާގައެއް ހޭދަވާނެއެވެ.



ވަތްގަނޑުތަކުގެ އެތެރޭގައި ކުދި ފޮށި ނުވަތަ ބައިތައް ވަކިކުރާ އެއްޗެހި ބޭނުންކޮށްގެން ތަކެތި ވަކިކުރެވިދާނެއެވެ. ހެދުންތައް އެއްކޮށްގެން ޖެހުމުގެ ބަދަލުގައި، ކޮޅަށް ހުންނާނެހެން ފަތްޖެހުމަކީ އެއްފަހަރު ބަލާލުމުން ހުރިހާ އެއްޗެއް ފެންނަން ހުންނާނެ ގޮތެކެވެ.

ހަމައެއާއެކު، އަލަމާރި ގަވާއިދުން ސާފުކޮށް، ގަޔަށް ފިިތޭ ނުވަތަ ލާން ބޭނުންނުވާ ހެދުންތައް ނެގުމަކީ ވަގުތުން ޖާގަ އިތުރުވާނެ ކަމެކެވެ. ކޮންމެ ތިން މަހުން އެއްފަހަރު މިގޮތަށް ކަންތައް ކުރުމަކީ އެންމެ އެދެވޭ ގޮތެވެ.

ތަރުތީބެއް ނެތް ވަތްގަނޑުތަކުގެ ހަގީގަތް

ގިނަ ގޭގޭގައި ތަރުތީބެއް ނެތް، އެކި ބާވަތުގެ ކުދިކުދި އެއްޗެހި އަޅާފައި ހުންނަ ވަތްގަނޑެއް ހުރުމަކީ އާދައިގެ ކަމެކެވެ. ނަމަވެސް މައްސަލައަކަށް ވަނީ މިފަދަ ވަތްގަނޑުތައް ގިނަވާން ފެށުމުންނެވެ.

ގިނަ އަދަދަކަށް މިފަދަ ވަތްގަނޑުތައް ހުރުމުގެ މާނައަކީ، ކުދި ތަކެތި ބަހައްޓާނެ ވަކި ނިޒާމެއް ނެތުން ނުވަތަ "ފަހުން ބޭނުންވެދާނެތީ" ބަހައްޓާފައި ހުންނަ ތަކެތި ގިނަވުމެވެ. މިކަމަށް އޮތް ހައްލަކީ، ފަސޭހަ ހިސާބެއްގައި (މިސާލަކަށް ބަދިގެ ނުވަތަ ފެންޑާގައި) އެފަދަ އެންމެ ވަތްގަނޑެއް ކަނޑައެޅުމެވެ. އަދި އެ ވަތްގަނޑުގެ ތެރޭގައި ވެސް ކުދި ޓްރޭ ނުވަތަ ވަށި ބޭނުންކޮށްގެން ތަކެތި ވަކިކުރުމެވެ.

ގެންގުޅޭ ތަކެތީގެ އަދަދާމެދު ސަމާލުވާށެވެ. ދެތިން ގަލަން ހުރުމުން ފުދޭނެއެވެ. ދެން ހުރި ހިކިފައި ހުރި ގަލަންތައް އުކާލާށެވެ. ބެޓެރި ފަދަ ތަކެއްޗަށް ވެސް އަމަލުކުރަންވީ މިފަދައިންނެވެ. "އާ އެއްޗެއް ވައްދާއިރު، ބާ އެއްޗެއް ބޭރުކުރުމުގެ" އުސޫލު ގެންގުޅުމުން ތަކެތި އިތުރުވިޔަނުދީ ހިފެހެއްޓޭނެއެވެ.

މަސައްކަތްކުރާ މާހައުލު ހަމަހިމޭންކުރުން

ގޭގައި މަސައްކަތްކުރާ މީހުންނަށް، މޭޒުމަތީގައި ތަކެތި ގިނަވުމަކީ ސަމާލުކަން ގެއްލޭ ކަމެކެވެ. މޭޒުމަތި ސާފުކޮށް ބެހެއްޓުމަކީ މަސައްކަތަށް ސަމާލުކަން ދިނުމަށް ކުރެވޭނެ އެންމެ ފަސޭހަ ކަންތަކެވެ. ވަތްގަނޑު ހުންނަ މޭޒު ބޭނުންކުރުމުން ކޮންމެ ދުވަހަކު ބޭނުންކުރާ ތަކެތި އަވަހަށް ފޮރުވާލައި، ހަމަހިމޭން މާހައުލެއް ބިނާކުރެވޭނެއެވެ.

ވަތްގަނޑުތަކުގެ އެތެރޭގައި ކުދި އޯގަނައިޒަރު ބޭނުންކޮށްގެން ލިޔަން ބޭނުންކުރާ ސާމާނު ތަރުތީބުކުރެވިދާނެއެވެ. އަދި ކޮމްޕިއުޓަރާއި ޗާޖަރުތަކުގެ ނަރުތައް ތަރުތީބުކުރުމަށް ކޭބަލް ކްލިޕް ނުވަތަ ކޭބަލް ފޮށި ބޭނުންކުރުމުން މޭޒުމަތި ފެންނަލެއް ރީތިވާނެއެވެ.



ލިޔެކިޔުންތަކަކީ ވެސް ގިނަފަހަރަށް ނުތަނަވަސްކަން އިތުރުކުރާ އެއްޗެކެވެ. "ކުރަންޖެހޭ މަސައްކަތް" އަދި "ފައިލްކުރަންޖެހޭ ތަކެތި" ވަކިކޮށްލުމަށް ކުޑަ ޓްރޭއެއް ބޭނުންކުރެވިދާނެއެވެ. ވަގުތު ލިބުމުން، މި ތަކެތި ލޭބަލް ޖަހާފައިވާ ފައިލް ނުވަތަ އަލަމާރިއަކަށް ބަދަލުކުރެވިދާނެއެވެ.

މަދު ޖާގަ ހުންނަ ތަންތަނުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން

މަދު ޖާގަ ހުންނަ ތަންތަނާ މެދު މާހިރުން ދޭ އެންމެ މުހިންމު ނަސޭހަތަކީ، ތަޅުންގަނޑުގެ ބަދަލުގައި ފާރުގެ ބޭނުން ހިފުމެވެ.

އެއްޗެހި ދޮންނަ މެޝިން ފަދަ ތަކެތި ބަހައްޓާ ކުޑަ ގޮޅިއެއް ނަމަ، މެޝިނުގެ މަތީގައި ފާރުގައި ހަރުކުރާ ހަރުގަނޑުތަކެއް ހަރުކުރުމުން، ސާފުކުރާ ސާމާނުތައް ބެހެއްޓުމަށް ޖާގަ ލިބޭނެއެވެ. އެއްގޮތް ފުޅި ނުވަތަ ފޮށި ބޭނުންކުރުމުން އެތަން ފެންނަލެއް ތަރުތީބުވާނެއެވެ.



ދޮރުގެ ފަހަތަކީ ވެސް ބޭނުންތެރި ޖާގައެކެވެ. ދޮރުގައި އަޅުވާ އޯގަނައިޒަރުތައް ބޭނުންކޮށްގެން ކުދި ފުޅިތަކާއި ފޮތިގަނޑު ފަދަ ތަކެތި ބެހެއްޓިދާނެއެވެ. ފިލިގަނޑާއި މޮޕް ފަދަ ތަކެތި ކަނެއްގައި ލެނގޭގޮތަށް ބެހެއްޓުމުގެ ބަދަލުގައި ފާރުގައި ހަރުކުރާ ކަންތަކުގައި އަޅުވާފައި ބެހެއްޓުމުން ތަނުގެ ޖާގަ ބޮޑުކަމަށް ފެންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު