ޤާނޫނީ ވަކީލު އަލީ ހުސައިން
ޤާނޫނީ ވަކީލު އަލީ ހުސައިން
އެއްވެއުޅުމުގެ ހައްގަށް ހުރަސްއަޅައި މީހުން ހައްޔަރުކުރިޔަސް ދިވެހި ރައްޔިތުން ފަހަތަކަށް ނުޖެއްސޭނެ ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިހެން ވިދާޅުވީ، "އަދަދު" ނޫހުގެ ނޫސްވެރިން ހައްޔަރުކުރުމާ ގުޅިގެން ރޭ މާލޭގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި 10 މީހުންގެ ތެރެއިން 9 މީހަކު 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކުރުމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން އަލީ ހުސައިން ވިދާޅުވީ، އެއްވެއުޅުމާއި ޚިޔާލު ފާޅުކުރުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކެއް ކަމަށެވެ. އަދި އެ ހައްގުތަކަށް ހުރަސްއެޅުމުގެ ގޮތުން މީހުން ހައްޔަރުކޮށް ބަންދުކުރި ނަމަވެސް، ރައްޔިތުންގެ އަޑު ކަނޑުވާލައި ފަހަތަށް ނުޖެއްސޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އެއްވެއުޅުމާއި ޚިޔާލު ފާޅުކުރުމަށް ހުރަސްއެޅުމުގެ ގޮތުން މީހުން ހައްޔަރު ކުރިޔަސް ދިވެހީންނެއް ދެނެއް ފަހަތަކަށް ނުޖެއްސޭނެ. މުޒާހަރާގެ ހައްޔަރީން ދޫކޮށްލުމަށް ސަރުކާރަށް ގޮވާލަން،" އަލީ ހުސައިން ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް ގޮވާލައި ބޭއްވި މި އިހުތިޖާޖުގެ ތެރެއިން ފުލުހުން ވަނީ ޖުމްލަ 10 މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން އެކަކު ދޫކޮށްލާފައިވާއިރު، ބާކީ ތިބި 9 މީހުންގެ ބަންދަށް ކޯޓުން ވަނީ މުއްދަތު ޖަހާފައެވެ.

މި ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅަމުންދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުންނާއި އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ބުނަމުންދަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް މި ސަރުކާރުން ހުރަސް ނާޅާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު