މިއަހަރުގެ ބަރަކާތްތެރި ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ހައްޖުވެރިންގެ ފުރަތަމަ ގްރޫޕް އަންނަ ހުކުރު ދުވަހު ފުރުމަށް ހަމަޖެހިފައިވާ ކަމަށް ދިވެހި ހައްޖު މިޝަނުން ހާމަކޮށްފިއެވެ.

ދިވެހި ހައްޖު މިޝަނުން އާންމުކޮށްފައިވާ ތަފުސީލުތަކަށް ބަލާއިރު، ހުކުރު ދުވަހު ފުރާ ފުރަތަމަ ފްލައިޓުން 238 ދިވެހި ހައްޖުވެރިން ސައުދީ އަރަބިއްޔާއަށް ދަތުރުކުރާނެއެވެ. އަދި ދެވަނަ ފްލައިޓް އަންނަ އާދީއްތަ ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު، އެ ފްލައިޓުގައި 260 ހައްޖާޖީން ބައިވެރިވާނެއެވެ.

ހައްޖުވެރިންގެ ތިންވަނަ ފްލައިޓް އަންނަ ހޯމަ ދުވަހު ފުރުމަށް ތާވަލުކޮށްފައިވާއިރު، އެ ދަތުރުގައި 267 ހައްޖުވެރިން ހިމެނެއެވެ. އަދި އަންގާރަ ދުވަހު ފުރާ ފްލައިޓުގައި 253 ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ހައްޖު މިޝަނުން މައުލޫމާތު ދެއެވެ.

މިއަހަރުގެ ހައްޖު ދަތުރުގެ އެންމެ ހާއްސަ އެއް ކަމަކީ، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހާއްސަ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ "މައްކާ ރޫޓް އިނީޝިއޭޓިވް" ގައި ރާއްޖެއިން ބައިވެރިވެފައިވުމެވެ. މި ޕްރޮގްރާމުގެ ދަށުން، ދިވެހި ހައްޖުވެރިން މިއަހަރު މައްކާއަށް ފުރާނީ ސައުދީ އަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުހަލާއެއް ރާއްޖޭގައި ތިބެ ފުރިހަމަކުރުމަށްފަހުގައެވެ.

"މައްކާ ރޫޓް" އަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ފުރިހަމަކުރަންޖެހޭ ކަންކަން އެއާޕޯޓުގައި ތިބެ ނިންމާލެވޭ އިންތިޒާމެކެވެ. މީގެ ސަބަބުން ޖިއްދާގެ އެއާޕޯޓަށް ދިއުމަށްފަހު އިމިގްރޭޝަން ކިއުތަކުގައި މަޑުކުރަން ނުޖެހި، ހައްޖުވެރިންނަށް ސީދާ ހޮޓަލަށް ދެވޭނެއެވެ. އަދި ހައްޖުވެރިންގެ ލަގެޖްތައްވެސް އެއާޕޯޓުން ސީދާ ހޮޓަލަށް ގެންގޮސްދިނުމުގެ އިންތިޒާމު މި ޕްރޮގްރާމުގެ ދަށުން ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު