މަރްޔަމް ނަހްދާ ވަޙީދު   13 މޭ 2026 - 12:38
މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް-
މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް-
ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތެރޭގައި ސިޔާސީ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމް އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ރަސްމީ ވަޓްސްއެޕް ގްރޫޕުން މިއަދު ބޭރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ދިއްގަރު ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ނާޒިމް މި ގްރޫޕުން ބޭރުކޮށްފައިވަނީ މިއަދު ހެނދުނު 6:00 އެހާކަންހާއިރުއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިސްވެ ހުންނަވައިގެން، ޕާޓީގެ ސިޔާސަތުތަކާއި މަޖިލީހުގެ ކަންކަން ނިންމުމަށް ބޭނުންކުރާ ރަސްމީ މުއާމަލާތު ކުރާ ގްރޫޕެވެ. ނަމަވެސް، އޭނާ މި ގްރޫޕުން ބޭރުކުރި ވަކި ސަބަބެއް ޕާޓީގެ ފަރާތުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ނާޒިމާ މެދު ޕާޓީގެ ތެރޭގައި ފިޔަވަޅުތަކެއް އަޅަން ފަށާފައިވާކަން ފާހަގަކުރެވެނީ މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެންނެވެ. އެގޮތުން، މިދިޔަ މަހުގެ 21 ވަނަ ދުވަހު މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ މާލިއްޔަތު ކޮމިޓީއާއި، ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ވެސް ނާޒިމް ވަނީ ވަކިކޮށްފައެވެ. މަޖިލީހުގެ ރަސްމީ ވެބްސައިޓުން އެނގޭ ގޮތުގައި، 241 ކޮމިޓީގައި ނާޒިމް އިންނެވި ގޮނޑިއަށް މިހާރު އައްޔަންކޮށްފައިވަނީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޙަމަދު އަބްދުﷲ އެވެ. އަދި މާލިއްޔަތު ކޮމިޓީއަށް އޭނާގެ ބަދަލުގައި އައްޔަންކޮށްފައިވަނީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙުމަދު ޟަމީރެވެ.

މި ކަންތައްތައް މިހެން ހިނގަމުންދާއިރު، ޕީއެންސީގެ އެތެރޭގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދި، އޭގެ އަސަރު މަޖިލީހުގެ މަސައްކަތްތަކަށް ފޯރަމުންދާ ކަމަށް ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އަދި މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން ނާޒިމް ދުރުކުރުމުގެ މަސައްކަތްތަކެއް ޕާޓީގެ އެތެރޭގައި ކުރެވެމުންދާ ކަމުގެ އަޑުތައް ވެސް ވަނީ ގަދަވެފައެވެ.

މީގެ އިތުރުން، ޕާޓީގެ ސަފުތައް ބަދަހިކުރުމުގެ ގޮތުން، ޕާޓީގެ ތްރީ-ލައިން ވިޕާ ޚިލާފުވާ މެންބަރުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ޕީޖީ ގްރޫޕުން ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު