ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "މަނީ ހައިސްޓް" (ލާ ކާސާ ޑެ ޕަޕެލް) ސީރީޒްގެ ފޭނުންނަށް އުފާވެރި ޚަބަރެއް ނެޓްފްލިކްސްއިން ދީފިއެވެ. އެލެކްސް ޕީނާ އުފެއްދި މި ފްރެންޗައިޒްގެ މައިގަނޑު ވާހަކަ 2021 ވަނަ އަހަރު ނިމުނު ނަމަވެސް، މި ޔުނިވާސް އިތުރަށް ފުޅާކުރުމަށް ނެޓްފްލިކްސްއިން މިހާރު ވަނީ ތައްޔާރުވާން ފަށާފައެވެ.

ނެޓްފްލިކްސްއިން ދާދި ފަހުން އާންމުކުރި ކުރު ޓީޒާއެއްގައި ބުނެފައިވަނީ "މަނީ ހައިސްޓްގެ ދުނިޔެ" އަދި ނުނިމޭ ކަމަށެވެ. މި އިޢުލާނާއެކު ގިނަ ބައެއްގެ ޝައުގުވެރިކަން މިކަމަށް ހުއްޓިފައިވާއިރު، މިއީ އާ ސީޒަނެއްތޯ، ނުވަތަ ވަކި ކެރެކްޓާއަކަށް ބިނާކޮށް އުފައްދާ "ސްޕިން-އޮފް" އެއްތޯ އަދި ސާފެއް ނުވެއެވެ. ނަމަވެސް، މި އާ ބާބަކީ ކުރީގެ ވާހަކަތަކާ ގުޅުންހުރި ފުޅާ މަޝްރޫޢަކަށް ވާނެކަމުގެ އިޝާރާތެއް ނެޓްފްލިކްސްއިން ވަނީ ދީފައެވެ.

އާންމުކުރި ވީޑިއޯގައި ބުނެފައިވަނީ، މި ހުރިހާ ކަމެއް ފެށުނީ ފައިސާއިން ކަމަށާއި، އޭގެ ފަހުން ރަނާއި އަގުބޮޑު ޚަޒާނާތަކަށް ބަދަލުވެގެން ދިޔަ ކަމަށެވެ. އަދި "އިންގިލާބު އަދި ނުނިމޭ" ކަމަށް ބުނެ، ކުރިއަށް އޮތް ބާބާ ބެހޭގޮތުން ސުވާލުތަކެއް ވަނީ އުފައްދާފައެވެ. ނެޓްފްލިކްސްއިން ބުނާ ގޮތުގައި މި ސީރީޒްގެ ވާހަކަ ވަނީ ވަގުތާއެކު ކުރިއަރައި، ބޮޑެތި މުއައްސަސާތަކުން ރަން ފޭރުމުގެ އޮޕަރޭޝަންތަކާ ހަމައަށް ފުޅާވެފައެވެ.



މި ފްރެންޗައިޒްގެ ދަށުން މިހާރު އެންމެ އަވަހަށް ފެންނަން އޮތީ "ބާލިން" ސީރީޒްގެ ދެވަނަ ސީޒަނެވެ. މި މެއި މަހުގެ 15 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ސީޒަނުގައި ފެންނާނީ އަންދްރޭސް ޑި ފޮނޮލޯސާ (ބާލިން) ގެ ވާހަކައެވެ. މިފަހަރުގެ ވާހަކަ ޕެރިހުން ސްޕެއިނަށް ބަދަލުވެގެންދާއިރު، ބާލިން އަމާޒު ހިފަނީ "ޑޫކް އޮފް މަލާގާ" ފޭރުމަށެވެ. ޕެޑްރޯ އަލޮންސޯއާއެކު މި ސީޒަނުން ކުރީގެ ބައެއް ތަރިންނާއި އާ ތަރިންތަކެއް ވެސް ފެނިގެންދާނެއެވެ.

މަނީ ހައިސްޓް" އެންމެ ފުރަތަމަ 2017 ވަނަ އަހަރު ސްޕެއިންގެ ޓީވީ ޗެނަލަކުން ދައްކަން ފެށި ނަމަވެސް، މުޅި ދުނިޔެއަށް މި ސީރީޒް މަޝްހޫރުވެގެން ދިޔައީ ނެޓްފްލިކްސްއިން މީގެ ރައިޓްސް ގަނެ، ބައިނަލްއަގުވާމީ މައިދާނަށް ނެރުނު ހިސާބުންނެވެ. އެއަށްފަހު 2021 ވަނަ އަހަރާ ހަމައަށް މި ސީރީޒް ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.



ކިޔުންތެރިންގެ ހިޔާލު