އއ. ރަސްދޫ
އއ. ރަސްދޫ
މިދިޔަ ހުކުރު ދުވަހުގެ ރޭ އއ. ރަސްދޫގައި ހިނގި މާރާމާރީއެއްގައި ދަރިފުޅަށް ލިބުނު އަނިޔާތައް ފެނި، ސިހުން ލިބިގެން ހޭނެތިގެން ވެއްޓުނު މަންމަ މިއަދު ނިޔާވެއްޖެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 65 އަހަރުން މަތީގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 08:39 ހާއިރު ކަމަށް އެ ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ރަސްދޫ ގެސްޓްހައުސެއްގައި މަސައްކަތްކުރާ ޗައިނާގެ ދެ ރައްޔިތަކާއި އެ ރަށު ދިވެހި ފިރިހެނަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރެއިންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ޗައިނާގެ ދެ މީހުން ވަނީ ދަގަނޑު ބުރިއަކުން އެ ރަށު ފިރިހެން މީހާއަށް ހަމަލާދީ އެކި ވަރުގެ ޒަޚަމްތައް ދީފައެވެ.

އަނިޔާލިބުނު މީހާގެ މަންމައަށް ދަރިފުޅަށް ލިބިފައިވާ ޒަޚަމްތައް ފެނުމާއެކު، ލިބުނު ކުއްލި ސިހުމުގައި ހޭނެތިގެން ވެއްޓުނީއެވެ. މި ދެ މައިންނަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ރަސްދޫ ހެލްތު ސެންޓަރުގައެވެ. ނަމަވެސް، ހާލަތު ސީރިއަސްވުމުގެ ސަބަބުން އެ ދުވަހު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ.

މި މާރާމާރީގައި އަނިޔާވި ފިރިހެން މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ތުހުމަތުކުރެވޭ ޗައިނާގެ ދެ މީހުން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ. ނަމަވެސް، މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު