ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތައް ކުރިއަށް އޮތް ޖޫން މަހުގެ ތެރޭގައި އަލުން ފެއްޓެވުމަށް ނިންމަވައިފިއެވެ.

މިކަން އިޢުލާނު ކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި، މި ބައްދަލުވުންތަކަކީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަށާއި، ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ސަރުކާރުގެ ކަންކަން ބައްޓަންކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑު މި އަންނަ ޖޫން މަހުން ފެށިގެން، ކުރިން ގެންދިޔަ ގޮތަށް ރައްޔިތުންނާ އެކީގައި ބައްދަލުވުންތައް ފަށާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި މާލޭގައި ނަމަ، އަވަށްތަކަށް ޚާއްޞަކޮށްގެން ބާއްވާ "އަވަށްޓެރި ބައްދަލުވުންތައް" ހަފްތާއަކު އެއްދުވަހު ބޭއްވުމަށް މަސައްކަތް ކުރައްވާނެއެވެ. އަދި ދަތުރުފަތުރުގެ ކަންކަމާއި ވަގުތު ތަންދިން މިންވަރަކުން، ވީހާވެސް އަވަސް އަވަހަށް މި ބައްދަލުވުންތައް ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މީގެ އިތުރުން، ތަފާތު ދާއިރާތަކަށް ޚާއްޞަކޮށްގެން ބާއްވާ "ސެކްޓޯރަލް" ބައްދަލުވުންތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާ، މަސްވެރިކަމުގެ ދާއިރާ އަދި އެކި މަސައްކަތްތެރި ޕްރޮފެޝަނަލުންނާ ވަކިވަކިން ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފަތުރުތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ކޮންމެ ރަށަކަށް މަދުވެގެން ދެ ފަހަރު ޒިޔާރަތް ކުރެއްވުމަކީ އަމާޒެއް ކަމަށެވެ. "އެހެންވީމާ އެ ދެވަނަ ބުރު މި ފަށަނީ. މިހާރުވެސް ބައެއް ރަށްރަށަށް ދެފަހަރު ދެވިއްޖެ. ބައެއް ރަށްރަށަށް ތިންވަނަ ފަހަރު ނުވަތަ ހަތަރު ފަހަރުވެސް ދެވިދާނެ،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައްޔިތުންނާ މިގޮތަށް ބައްދަލުކުރުމަކީ ރައްޔިތުން އެދޭ ގޮތް ދެނެގަނެ، ސީދާ ރައީސާ ހަމައަށް ހުށަހެޅޭ ކަންކަމަށް ޙައްލު ހޯދުމަށް ލިބޭ ވަރަށް ބޮޑު ބާރެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު