ތަލަޕަތީ ވިޖޭ
ތަލަޕަތީ ވިޖޭ
އިންޑިއާގެ ތަމަޅަ ސިނަމާގެ އެންމެ ނުފޫޒުގަދަ އެއް ތަރި ކަމަށްވާ ޖޯސެފް ވިޖޭ (ތަލަޕަތީ ވިޖޭ) އަކީ އޭނާގެ ފިލްމީ ކެރިއަރަށްފަހު މިހާރު ސިޔާސީ ގޮތުން ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އަންނަ ފަރާތެކެވެ.

އިންޑިއާގެ ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރަކަށް އިންތިހާބުވި ކްރިސްޓިއަން ބައްޕައަކާއި ހިންދޫ މަންމައަކަށް އުފަންވި ވިޖޭ ބޮޑުވީ ތަފާތު ދީންތަކަށް އިހުތިރާމްކުރާ މާހައުލެއްގައެވެ. އޭނާ އުފެއްދި "ތަމަޅަގަ ފެޓްރީ ކަޒަގަމް" ޕާޓީގެ މައިގަނޑު އަސާސަކީވެސް ހަމަހަމަކަމާއި، ސެކިއުލަރިޒަމް ނުވަތަ ހުރިހާ ދީންތަކަކަށް ހަމަހަމަ ފުރުސަތު ދިނުމެވެ.

ޚާއްސަކޮށް މުސްލިމް މުޖުތަމައުއާ އޮންނަ ގާތް ގުޅުމަކީ އޭނާގެ ސިޔާސީ ފަލްސަފާގެ މުހިންމު ބައެކެވެ.

ވިޖޭއަކީ އިސްލާމްދީނާއި މުސްލިމުންނަށް ވަރަށް ބޮޑަށް އިހުތިރާމްކުރާ ފަރާތެއްކަން އޭނާގެ އަމަލުތަކުން ވަނީ ހާމަކޮށްދީފައެވެ. އެގޮތުން، ކޮންމެ އަހަރަކުވެސް ރޯދަމަހު މުސްލިމުންނަށް ޚާއްސަކޮށްގެން ރޯދަވީއްލުންތައް (އިފްތާރު) ބޭއްވުމާއި، މިސްކިތްތަކަށް ޒިޔާރަތްކޮށް މުސްލިމް މުޖުތަމައުގެ މީހުންނާ ބައްދަލުކުރުމަކީ އޭނާ ކުރަމުން އަންނަ ކަންކަމެވެ.

މީގެ އިތުރުން، އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ގެނެވުނު ބައެއް ގާނޫނުތަކާ ދެކޮޅަށް އޭނާ ފާޅުގައި އަޑުއުފުލާފައިވެއެވެ. ވިޖޭގެ ސިޔާސީ ޕާޓީން ބުނާގޮތުގައި އެމީހުންގެ އަމާޒަކީ އެއްވެސް ދީނަކަށް ނުވަތަ ނަސްލަކަށް ތަފާތުކުރުމެއް ނެތް އިންސާފުވެރި ވެރިކަމެއް ގާއިމްކުރުމެވެ.

ނަމަވެސް، ވިޖޭގެ ބައެއް ފިލްމުތަކުގައި (މިސާލަކަށް 'ތުއްޕާކީ') މުސްލިމުން ދައްކުވައިދީފައިވާ ގޮތާމެދު މާޒީގައި ބައެއް ދީނީ އިލްމުވެރިންގެ ފާޑުކިޔުންތަކާއި ފަތުވާތައް އަމާޒުވެފައިވެއެވެ.

އެހެންނަމަވެސް، ވިޖޭގެ ސަޕޯޓަރުން ބުނަނީ އެއީ ހަމައެކަނި ފިލްމީ ކެރެކްޓާތަކެއް ކަމަށާއި، ހަގީގީ ދިރިއުޅުމުގައި އޭނާއަކީ މުސްލިމުންގެ ވަރަށް ގާތް އެކުވެރިއެއް ކަމަށެވެ. މިއަދު އޭނާ ފާހަގަކުރެވެނީ ތަމަޅަ ސިޔާސީ މަޝްރަހުގައި ހަރުކަށި ފިކުރުތަކާ ދެކޮޅަށް، އެންމެން ގޮވައިގެން ކުރިއަށްދާން މަސައްކަތްކުރާ ލީޑަރެއްގެ ގޮތުގައެވެ.



ކިޔުންތެރިންގެ ހިޔާލު