"އަދަދު" ނޫހުން ތައްޔާރުކޮށް އާންމުކޮށްފައިވާ "އައިޝާ" ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާންމު ނުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ގާނޫނީ ގޮތުން ކޯޓަކަށް އޮންނަ ބާރެއް ނޫން ކަމަށް ވިދާޅުވެ، ގާނޫނުއަސާސީ އެކުލަވައިލި ޚާއްސަ މަޖިލީހުގެ މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ފާޑުވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް ގަޒުފްކޮށް ހަދާފައިވާ ކަމަށް ބުނާ މި ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން އިއްޔެ ނެެރުނު އަމުރާ ގުޅިގެން އިބްރާ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ކޯޓަކީ ރައްޔިތުންނަށް ކަންކަން މަނާކުރުމުގެ ބާރު ލިބިފައިވާ ތަންތަނެއް ނޫން ކަމަށެވެ. އަދި ކޯޓަކުން އަމުރެއް ނެރެވޭނީ ހަމައެކަނި އެ ކޯޓަކަށް ހުށަހެޅިފައިވާ މައްސަލައެއްގައި ހިމެނޭ ޚަޞްމުންގެ މައްޗަށް ނުވަތަ ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެ މައްސަލައަކާ ގުޅުންހުރި ފަރާތްތަކުގެ މައްޗަށް އެކަނި ކަމަށް އިބްރާ ފާހަގަކުރެއްވިއެވެ.

އާ ގާނޫނުއަސާސީ ޑްރާފްޓް ކުރި ކޮމެޓީގެ މުޤައްރިރުކަން ވެސް ކުރެއްވި އިބްރާ އިތުރަށް ވިދާޅުވީ، އާންމުކޮށް ހުރިހާ ރައްޔިތުންގެ މައްޗަށް ކަމެއް މަނާކުރުމުގެ ބާރު ގާނޫނުއަސާސީން ދީފައިވަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށެވެ.

"ކޯޓުން ކުރާން އޮންނަކަމަކީ، ޤާނޫނަކުން މަނާކޮށްފައިވާ ކަމެއް މީހަކު ކޮށްފިކަމުގެ ދަޢުވާ ހުށަހެޅިއްޖެނަމަ، އެ ކުށް އޭނާގެ މައްޗަށް ސާބިތުވޭތޯ ބަލައި، ޙުކުމް ކުރުން،" ކަމަށް މާލޭގެ މެމްބަރު ކަން ވެސް އިބްރާ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓުން ވަނީ އެ ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް އަމުރެއް ވެސް ނެރެފައެވެ. މި އަމުރަކީ އާންމުންނަށް ނެރެފައިވާ އަމުރެކެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު "ޝަރީއަތް ހިނގަމުންދާ މައްސަލައެއްގައި ވަކި ގޮތަކަށް އަމަލު ނުކުރުމަށް އަންގައި ކުރާ އަމުރު" ގައި ވަނީ، އެ ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، އޭގައި ގެނެސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށް އާންމުންގެ މައްޗަށް އަމުރުކޮށްފައެވެ. އަދި މައްސަލައިގެ ޚަޞްމަކާ ނުވަތަ ކުށުގެ ޝިކާރައަށްވީ މީހާއާ ގުޅުވައި އެއްވެސް ވާހަކައެއް ނުދެއްކުމަށްވެސް ވަނީ އަންގާފައެވެ.

ކޯޓުގެ އަމުރުގައި ބުނެފައިވަނީ، މި މައްސަލައަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން ސިއްރުކޮށްގެން ކުރިއަށް ގެންދާ މައްސަލައެއް ކަމަށެވެ. އެހެންކަމުން، މައްސަލައިގެ ލިޔެކިޔުންތަކާއި ޝަރީއަތާ ގުޅުންހުރި މައުލޫމާތު ފެތުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށްވެސް އެ އަމުރުގައި ބަޔާންކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު