ސިފައިންގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ސިފައިންނަށް އެމީހުންގެ އާއިލާތަކާ ގާތުގައި ތިބެގެން ގައުމަށް ޚިދުމަތް ކުރެވޭނެ ދާއިމީ އިންތިޒާމެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

​ސިފައިންގެ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ އޭރިއާ ކޮމާންޑްތައް އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. އަދި މި ބަދަލާއެކު، ކޮންމެ ސިފައިންގެ މީހަކަށްވެސް އެމީހެއްގެ އާއިލާ ދިރިއުޅޭ ރަށަށް ނުވަތަ އަތޮޅަށް އެންމެ ކައިރި ކޮމާންޑެއްގައި ޑިއުޓީ އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

​"އަޅުގަނޑު ގަސްދުކުރަން ކޮންމެ ސިފައިންގެ މީހެއްގެ އާއިލާ ދިރިއުޅޭ ސަރަހައްދަކީ ކޮބައިތޯ ބަލާ، އެ ސަރަހައްދެއް ހިމެނޭ އޭރިއާ ކޮމާންޑެއްގައި ޑިއުޓީ އަދާކުރެވޭނެ ފުރުސަތު ގާއިމުކޮށްދޭން. އޭރުން އާއިލާތަކާ ކައިރިން ގައުމަށް ޚިދުމަތް ކުރުމުގެ ފަހި ފުރުސަތު ލިބިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

​މީގެ އިތުރުން ރައީސް ވިދާޅުވީ، ސިފައިންގެ ފައުޖު ބޮޑުކޮށް ވަރުގަދަކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އެގޮތުން، މި އަހަރުގެ ބަޖެޓުގައިވެސް ސިފައިންގެ ފައުޖަށް ޒުވާނުން އިތުރުކުރުމަށާއި، ވަސީލަތްތައް ގާއިމުކުރުމަށް ޚާއްސަ އިސްކަމެއް ދީފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.​ އަދި މި އިންތިޒާމުގެ ސަބަބުން ސިފައިންގެ ނަފްސާނީ ދުޅަހެޔޮކަމަށާއި، ގައުމީ ޚިދުމަތުގެ ފެންވަރު މަތިވުމަށް ބޮޑު ބާރަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު