މޮރިޝަސްގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި، ރާއްޖެއާއި މޮރިޝަސްއާ ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލާފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިވެހި ސަރުކާރަށް ގޮވާލައްވައިފިއެވެ.

​ރައީސް ނަޝީދު މިކަމަށް ގޮވާލެއްވީ އިންޑިއާގައި ކުރިއަށްދާ "އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (ީޯޜާ)" ގެ ބައްދަލުވުމުގެ ހަވާސާގައި މޮރިޝަސްގެ ފޮރިން މިނިސްޓަރު ދަނަންޖޭ ރާމްފުލް އާ ބައްދަލުކުރެއްވުމަށްފަހުގައެވެ. ​އިންޑިޔާ އަށް ކުރެއްވި ދަތުރުފުޅަށްފަހު މިއަދު މާލެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ މޮރިޝަސްއާއެކު އޮތް މައްސަލަތަކުގައި ވާހަކަދައްކައިގެން ދެ ގައުމަށްވެސް ފައިދާވާނެ ސުލްހަވެރި ހައްލެއް ހޯދުން މުހިންމު ކަމަށެވެ. ނަޝީދު ވިދާޅުވީ އަވަށްޓެރި ގައުމުތަކާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލާފައި އޮތުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި މޮރިޝަސް ސަރުކާރު އޮތީ ރާއްޖެއާއެކު މަޝްވަރާކޮށް ގުޅުން ރަނގަޅު ކުރަން ތައްޔާރަށެވެ. އެހެންކަމުން މި ފުރުސަތުގެ ބޭނުން ހިފާ، ރާއްޖޭގެ ފޮރިން މިނިސްޓްރީއާއި ސަރުކާރުން މޮރިޝަސްއާއެކު ވާހަކަދައްކައިގެން ކުރިއަށް ދިއުމަށް އެމަނިކުފާނު އުންމީދު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

​"އަޅުގަނޑު ވަރަށް ބޮޑަށް މިނިސްޓަރަށް ދެންނެވިން ދިވެހިރާއްޖެއާ މިކަމުގަ ވާހަކަ ދައްކާ، ދެގައުމަށް ސުލްހަވެރި ގޮތުގައި ކަންތައްތައް ނިންމޭނެ ގޮތް ހޯދުން. އަވަށްޓެރި ގައުމުތަކާ އެހެން ޑިޕްލޮމެޓިކް ގުޅުން ނެތުމަކީ ރަނގަޅު ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

​ޗާގޯސް މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި ޚިޔާލުތަފާތުވުން އުފެދި، މޮރިޝަސްއިން ރާއްޖެއާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ނަމަވެސް ރައީސް ނަޝީދު ގެންދަވަނީ ރާއްޖޭގެ ސިޔާދަތީ ހައްގުތައް ހިމާޔަތްކުރާ ހާލު، މޮރިޝަސްއާއެކު ޑިޕްލޮމެޓިކް މަގުން ވާހަކަދެއްކުމަށް ތަކުރާރުކޮށް ބާރުއަޅުއްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު