މިއީ އޭއި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މިއީ އޭއި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
އަންނަ މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި، ހުޅުމާލޭގައި އެއްވެސް ވޯޓު ފޮއްޓެއް ނުބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ކަނޑައަޅައިފިއެވެ.

އީސީން މިގޮތަށް ނިންމާފައި މިވަނީ، ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި ވޯޓު ފޮށި ބެހެއްޓުމަށް އީސީން ނިންމާފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ސިޓީއެއް ފޮނުވާފައިވަނިކޮށެވެ. އެމްޑީޕީން އީސީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އެންމެ ފަހުން އިއުލާންކުރި ލިސްޓުގައި ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ވޯޓު ފޮށި ބެހެއްޓުމަށް ހިމަނާފައި ނުވާ ކަމަށެވެ.

އެ ޕާޓީން ބުނީ، މިދިޔަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހިތަދޫ އުތުރު ދާއިރާއަށް ނިސްބަތްވާ 300 އެއްހާ މީހުން ހުޅުމާލޭގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީކޮށްފައިވާ ކަމަށެވެ. އެހެންކަމުން، ކެންޑިޑޭޓުންގެ އިންތިޚާބީ ހައްގަށް އުނިކަން ނާންނާނެ ގޮތެއްގެ މަތިން ހުޅުމާލޭގައި ވޯޓު ފޮއްޓެއް ބަހައްޓައިދިނުމަށް އެމްޑީޕީން ވަނީ އެދިފައެވެ.

މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، ބައި-އިލެކްޝަންތަކާ ގުޅިގެން އީސީން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން، މާލޭގެ މައި ސެންޓަރުގެ ގޮތުގައި ކަނޑައަޅާ މަރުކަޒާއި، އެ ރަށެއް ނުވަތަ އެ ސިޓީއެއްގައި ކަނޑައަޅާ މަރުކަޒުގެ އިތުރުން އެހެން އެއްވެސް ތަނެއްގައި ވޯޓު ފޮށި ނުބަހައްޓާނެ ކަމަށެވެ. ނަމަވެސް، މާލެ ސަރަހައްދުގެ އަވަށްތަކަށް ވޯޓުލީ އެއްވެސް ފަރާތަކުން އަލުން ރީ-ރެޖިސްޓްރީ ވާން ނުޖެހޭނެ ކަމުގެ ޔަގީންކަން ކޮމިޝަނުން ވަނީ ދީފައެވެ.

އީސީން ބުނީ، މާލޭގައި ހުންނަ ފޮށިތަކަށް އެ ފަރާތްތަކުގެ ނަންތައް މިހާރު ވެސް ވަނީ ލިސްޓު ކުރެވިފައި ކަމަށެވެ. އަދި މާލެ ސަރަހައްދު ފިޔަވައި އެހެން ތަންތަނަށް ވޯޓުލީ މީހުންގެ ނަންތައް ހުންނާނީ އައްޑޫ ސިޓީގައި ހުންނަ އެ ދާއިރާގެ ފޮށީގައެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރުގެ ގޮތުގައި ހުންނެވި ޕީއެންސީގެ މުހައްމަދު ސިނާނުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތް މައްސަލައެއްގައި، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އޭޕްރީލް 12 ގައި ހުކުމްކުރުމާ ގުޅިގެންނެވެ. މިއީ އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަކާ ގުޅިގެން ހުށަހެޅުނު މައްސަލައެކެވެ. ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރި މި ހުކުމުގައި ބުނެފައިވަނީ، ސިނާނުގެ މައްޗަށް ދަރަންޏެއް ސާބިތުވެފައިވާއިރު އޭނާ ގެންދެވީ ގަވައިދުން ފައިސާ ދައްކަމުން ނޫން ކަމަށެވެ.

އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބާއްވާ މި އިންތިޚާބުގައި ވާދަކުރައްވަނީ ޕީއެންސީގެ ޓިކެޓުގައި ހިތަދޫ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަޙްމަދު ސަޢީދު (ސޮޑާ) އާއި، އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުﷲ ޞާދިޤް (ސޯބެ) އެވެ.



ކިޔުންތެރިންގެ ހިޔާލު