އިދިކޮޅު އެމްޑީޕީގެ ހަރަކާތްތެރިންނާއި މެންބަރުންނަކީ ސަރުކާރުން ދައްކާ ބިރަށް ފަސްޖެހޭނެ ބައެއް ނޫން ކަމަށް އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވެފައިވަނީ، އެމްޑީޕީ ޔޫތު ވިންގުގެ ނައިބު ރައީސް މައިމޫން އަނެއްކާވެސް ފުލުހަށް ހާޒިރުކުރަން އުޅޭތީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝާހިދު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބާއި ރެފަރެންޑަމްގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާއެކު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މަގުބޫލުކަން ކުޑަވެފައިވާ ކަމަށެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން، ސަރުކާރުގެ މުއައްސަސާތައް މެދުވެރިކޮށް އިދިކޮޅު ހަރަކާތްތެރިންނަށާއި، ސިޔާސީ ޕާޓީތަކަށް އަދި މީޑިއާތަކަށް ބިރުދެއްކުމަކީ މިހާރު ސަރުކާރުން އާންމުކޮށް ކުރަމުންދާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މައިމޫން ފުލުހަށް ހާޒިރުކުރާ މައްސަލައަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ، އެއީ މައިމޫން ފަދަ ހިތްވަރުގަދަ އެމްޑީޕީގެ ހަރަކާތްތެރިންނަށް ބިރުދެއްކުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ. ނަމަވެސް އެފަދަ އަމަލުތަކުން އެމްޑީޕީ ފަހަތަށް ނުޖެއްސޭނެ ކަމުގެ ޔަގީންކަން ޝާހިދު ދެއްވިއެވެ.

"އެމްޑީޕީއަކީ ފަހަތަށް ޖެހޭ ޕާޓީއެއް ނޫން. މި ޕާޓީގެ ހަރަކާތްތެރިންނާއި މެންބަރުންނަކީ އަމުދުން ދައްކާ ބިރަށް ފަސްޖެހޭނެ ބައެއް ނޫން،" ޝާހިދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު