އޮންލައިން ނޫސް "އަދަދު" އިން ތައްޔާރުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ގަޒުފުކުރި ކަމަށް ކުރެވޭ ތުހުމަތުތަކަށް، ރައީސް އޮފީހުގައި މަސައްކަތް ކުރި އައިޝަތު އީޝާ އަޝްރަފް އިންކާރު ކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ބޮޑެތި ތުހުމަތުތަކެއްކޮށް "އަދަދު" ނޫހުން ތައްޔާރުކުރި ޑޮކިއުމެންޓްރީގެ މައްސަލައިގައި، ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއް ކަމަށްވާ އައިޝަތު އީޝާ އަޝްރަފްގެ ބަޔާން ނެގުމަށް މިއަދު ހަވީރު 4 ޖެހިއިރު ވަނީ ހެންވޭރު ދަނޑު ކައިރީގައި ހުންނަ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން އަށް ހާޒިރުކޮށްފައެވެ. މިއީ އޭނާ ތަހުޤީޤަށް ހާޒިރު ކުރި ދެވަނަ ފަހަރެވެ. ރޭ 9 ޖެހިއިރު އެމައްސަލައިގައި ހުޅުމާލޭ ފޭސް 1 ގައި ހުންނަ ޕޮލިސް ސްޓޭޝަން އަށް ހާޒިރު ކުރިއެވެ. ފުލުހުންގެ ތަހުގީގަށް އޭނާ މިއަދު ހެންވޭރު ޕޮލިހަށް ހާޒިރުކުރީ، "އަދަދު" ނޫހުގެ އެކްސް އެކައުންޓް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާއަށް ގަޒްފުކޮށް 'އައިޝާ' ގެ ނަމުގައި ޝާއިއުކުރި ވީޑިއޯ ރިޕޯޓް ތައްޔާރުކުރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައެވެ.

ފުލުހުންގެ ތަހުގީގަށް ބަޔާން ދެއްވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން، އީޝާގެ ގާނޫނީ ވަކީލު އަދި ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، ތަހުގީގުގެ ތެރެއިން ފުލުހުން މައިގަނޑު ގޮތެއްގައި ކުރިމަތިކުރެއްވީ އެންމެ ތިން ސުވާލު ކަމަށެވެ. އެއީ ކޮން ސުވާލުތަކެއްކަން ސީދާ ހާމަނުކުރެއްވި ނަމަވެސް، އެ ހުރިހާ ސުވާލުތަކަކަށް ވެސް އީޝާ އިންކާރުކުރައްވާފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް އިތުރަށް ވިދާޅުވިގޮތުގައި، ގަޒްފުކުރި ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން އެކަން ރައްދުވާ ފަރާތަކީ ކާކުތޯ ސާފުކުރުމަށް އެދުމުން، ފުލުހުން އެކަމަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. އަދި ތަހުގީގުގެ ތެރެއިން ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތަކަށް އެދުނު ނަމަވެސް އެއްވެސް މިންވަރަކަށް އެ ފުރުސަތު ފުލުހުން ފަހިކޮށްދީފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، އީޝާ ތަހުޤީޤަށް ދިން ބަޔާނުގައި، ދިފާއުގައި ވާހަކަދައްކަން ފުރުސަތު ނުދިން ކަމަށް ވެސް ފުލުހުން ލިޔުނު ކަމަށެވެ. ހަމައެއާއެކު މި ތަހުގީގުގައި އީޝާގެ ބަޔާން ނިމުނީ ކަމަށް ފުލުހުންނާއި ހަވާލާދީ ޝަމީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޝަރީއަތުގެ މަރުހަލާގައި ދިފާޢުވާން ފުރުސަތު ލިބޭނެ ކަަމަށާއި ޝަރީއަތަށް މައްސަލަ ގޮސްފިނަމަ ދައްކާނެ ގިނަ ވާހަކަތަކެއް އެބަހުރި ކަމަށެވެ.

ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ، ފުލުހުންގެ ސުވާލުތަކަށްފަހު ނުކުމެވަޑައިގެން މީޑިއާތަކަށް ދެއްވި އިންޓަވިއުގައި ރޭ ޝަމީމް ވިދާޅުވީ އީޝާގެ މައްޗަށް ތުހުމަތުކުރާ މައްސަލައިގައި ތަހުޤީޤަށް ފުރިހަމަ އަށް އެއްބާރުލުން ކަން ހިނގާދިޔަ ގޮތުގެ ދީ ތަފްސީލީ ބަޔާނެއް ދޭން ބޭނުންވާ ކަމަށެވެ. އަދި އީޝާ އަކީ އެމައްސަލައިގެ ވިކްޓިމް އެއް ކަމަށް ޝަމީމް ވިދާޅުވިއެވެ.

އެމައްސަލަގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން، އީޝާގެ ޕާސްޕޯޓު ތިން މަސް ދުވަހުގެ މުއްދަތަށް ވަނީ ހިފަހައްޓާފައެވެ.

ހަމައެއާއެކު، މި ޑޮކިއުމެންޓްރީއާ ގުޅިގެން "އަދަދު" ނޫހުގެ މައްޗަށް ވެސް ފުލުހުން ވަނީ ބޮޑު ތަހުގީގެއް ފަށާފައެވެ. މިގޮތުން، ކޯޓު އަމުރެއްގެ ދަށުން އެ ނޫހުގެ އޮފީސް ބަލައިފާސްކޮށް، ނޫސްވެރިކަމުގެ މަސައްކަތުގައި ބޭނުންކުރާ ގިނަ އަދަދެއްގެ އިލެކްޓްރޯނިކް އާލާތްތަކާއި ކޮމްޕިއުޓަރު ސިސްޓަމްތައް ތަހުގީގުގެ ބޭނުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

މީގެ އިތުރުން، "އަދަދު" ނޫހުގެ އިސްވެރިންނާ މެދު ބޮޑެތި ތުހުމަތުތަކެއް ފުލުހުން ވަނީ ކޮށްފައެވެ. އެގޮތުން އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު، އަންނަ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހިފަހައްޓާފައެވެ. މި މައްސަލައިގެ ތަހުގީގަށް އެ ދެ ބޭފުޅުން ފުލުހަށް ހާޒިރުކުރުމުން، ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ބަދަލުގައި ދެ ބޭފުޅުން ވެސް އިޚްތިޔާރު ކުރެއްވީ ގާނޫނުއަސާސީން ލިބިދޭ ހަނުހުރުމުގެ ހައްގު ބޭނުންކުރެއްވުމަށެވެ.



ކިޔުންތެރިންގެ ހިޔާލު