ބަންޑާރަ ނައިބު އަހުމަދު އުޝާމް - މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
ބަންޑާރަ ނައިބު އަހުމަދު އުޝާމް - މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅިގެން، ސިޔާސީ ޕާޓީއަކުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަކިކުރެވޭނެ އިޖުރާއަތްތައް ބަޔާންކުރާ ބިލު އަންނަ ހަފުތާގައި މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ބަންޑާރަ ނައިބު ވިދާޅުވީ، އެ ބިލު އެކުލަވާލުމުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އަދި މި އުސޫލުތައް ހިމަނާނީ މިހާރު އަމަލުކުރަމުންދާ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މަޖިލީހުން މީގެ ކުރިން ގާނޫނުއަސާސީއަށް ގެނައި އިސްލާހުގައި، މެންބަރަކު އިންތިހާބުވި ޕާޓީން ވަކިކުރާ ހާލަތުގައި ގޮނޑި ގެއްލޭނެ ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެކަން ކުރެވޭނީ "ގާނޫނުގައި" ބަޔާންކުރާ ގޮތުގެ މަތިން ކަމަށް ބުނެފައިވެއެވެ. ނަމަވެސް އެ އިޖުރާއަތްތައް ބަޔާންކުރާ ގާނޫނެއް މިހާތަނަށް ވުޖޫދުގައި ނެތުމުން، އެ މާއްދާ ތަންފީޒު ކުރުމުގައި ގާނޫނީ ހުރަސްތަކެއް ހުރިކަން ސުޕްރީމް ކޯޓުގައި ދައުލަތުގެ ވަކީލުން ވެސް ވަނީ ފާހަގަކޮށްފައެވެ.

މި ބިލު ހުށަހެޅުން ލަސްވި ސަބަބާ ގުޅޭގޮތުން އުޝާމް ވިދާޅުވީ، މަޑުކޮށްގެން ތިބީ ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ސައްހަކަމާ މެދު ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ނިމެންދެން ކަމަށެވެ.

"ސުޕްރީމް ކޯޓުން މިހާރު ނިންމީ މި ގާނޫނުއަސާސީއަށް ގެނައީ ސައްހަ އިސްލާހެއް ކަމަށް. އެހެންވެ، އެ ކޯޓުގެ ނިންމުމާ އެއްގޮތަށް ގެންނަންޖެހޭ އިސްލާހުތައް ހިމަނައިގެން ބިލު މިހާރު ވަނީ ތައްޔާރުކުރެވިފައި،" އުޝާމް ވިދާޅުވިއެވެ.

ގާނޫނުއަސާސީއަށް ގެނެސްފައިވާ "އެންޓި ޑިފެކްޝަން" އިސްލާހުގެ ދަށުން މެންބަރުންގެ ގޮނޑި ގެއްލޭނެ ހަތަރު ހާލަތްތަކަކީ ޕާޓީ ޓިކެޓުގައި އިންތިހާބުވުމަށްފަހު އަމިއްލައަށް ޕާޓީން ވަކިވުމާއި، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ސޮއިކުރުުމާއި، ގާނޫނުގައި ބަޔާންކުރާ އުސޫލުން ޕާޓީން މެންބަރަކު ވަކިކުރުމާއި، އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު، މަޖިލީހުގެ ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއަކަށް ސޮއިކުރުމެވެ.

ބަންޑާރަ ނައިބު ވިދާޅުވީ އަންނަ ހަފުތާގައި މި ބިލު މަޖިލީހަށް ހުށަހެޅުމުން، މެންބަރުން ޕާޓީން ވަކިކުރުމުގައި އަމަލުކުރާނެ ސާފު އިޖުރާއަތްތައް ގާނޫނީ އޮނިގަނޑުގެ ތެރެއިން ކަނޑައެޅިގެންދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު