ޗެއާޕާސަން އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ލަޝްކަރު ވަރުގަދައަށް ރާވާލަދޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއީލް އަހުމަދު ނަސީމް، މިރޭ ވިދާޅުވެއްޖެއެެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއީލް އަހުމަދު ނަސީމް، އޭނާގެ "އިތުބާރު" ކެމްޕޭން ޓީމުގެ ފަރާތުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން، މީކާއީލް ވިދާޅުވީ އޭނާ ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ އެމްޑީޕީގެ ރަނގަޅަށް ރާވާލަން ކަމަށެވެ.

"އަޅުގަނޑު މި އިންތިހާބަށް ނުކުމެ މިހުރީ މި ޕާޓީ ރާވާލަދޭން. ރާވާލާނަން، ބޮޑުކޮށް ބޮޑުކޮށް ރާވާލާނަން. 2028 އަށް މި ޕާޓީ ރާވާލަދޭނަން،" ޕާޓީގެ ކުރިމަގާ ގުޅޭގޮތުން މީކާއިލް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ނުކުމެ ހުރީ ޕާޓީގެ ތެރޭގައި އުފެދިފައިވާ "ލީކުތައް" ނައްތާލައި، ޕާޓީ އަލުން ބައްޓަން ކުރުމަށް ކަމަށެވެ.

"މިފަހުން ބައެއް ރަށްތަކަށް ކުރި ދަތުރުގައި ބައެއް މީހުން އެބަ ބުނޭ ތިބޭފުޅުންގެ ޕާޓީ ރޫޅާލާ، ރޭވި ފަހުން ބައެއް ފެކްޝަންތައް މަޑުން މަޑުން ލީކުވަމުން އެދަނީއޭ! އަޅުގަނޑުމެން އިންތިހާބަށް ނުކުމެ މިހިރީ މި ލީކުތައް ނައްތާލަން،" މީކާއީލް ވިދާޅުވިއެވެ.

ޕާޓީގެ އާންމު މެންބަރުންނަށް ތެދުވެރިވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން މީކާއީލް ވިދާޅުވީ، އޭނާއަކީ ނާކާމިޔާބީއާ ކުރިމަތިވާ ކޮންމެ ދަނޑިވަޅެއްގައި މެންބަރުންގެ ޖަޒުބާތާ ކުޅެ، ދޮގުހަދާ އޮޅުވާލާނެ މީހަކަށް ނުވާނެ ކަމަށެވެ. އަދި އެމްޑީޕީގެ 39،000 މެންބަރުން ޕާޓީން ވަކިކުރި ފަރާތްތަކަށް ތާއީދުކޮށް، އެފަދަ ބޭފުޅުން ވެރިކަމަށް ގެންނަން މަސައްކަތް ކުރާނެ މީހަކަށް އޭނާ ނުވާނެ ކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.

މީގެ އިތުރުން މީކާއީލް ވިދާޅުވިގޮތުގައި، ޗެއާޕާސަން ކަމަކީ އޭނާ ބޭނުންވާ އެހެން ބޮޑު މަގާމަކަށް ދިއުމަށް ބޭނުންކުރާ ސިޑިއެއް ނޫނެވެ. އަދި އޭނާ ބޭނުންވަނީ ގައުމީ މަޖިލީހުގެ ވޯޓަކުން އައްޔަންކުރާ ވަގުތީ މަގާމެއްގެ ބަދަލުގައި، ވޭތުވެދިޔަ 16 އަހަރު އޭނާއާއެކު މަސައްކަތްކުރި އާންމު މެންބަރުންގެ ސީދާ ވޯޓުން މި މަގާމު ކާމިޔާބު ކުރަން ކަމަށް މީކާއީލް ވިދާޅުވިއެވެ.

ޕާޓީގެ އެތެރޭގެ މައްސަލަތައް ހައްލުކުރުމުގައި ކޯޓަށް ދިއުމުގެ ސަގާފަތަށް ފާޑުވިދާޅުވަމުން މީކާއީލް ވިދާޅުވީ، ޕާޓީގެ ތެރޭގައި މަޝްވަރާކޮށްގެން ހައްލު ހޯދެން އޮއްވާ، ޕާޓީގެ މަސްލަހަތު ނަގާލައި ކޯޓަށް މައްސަލަ ހުށަހަޅާނެ މީހަކަށް އޭނާ ނުވާނެ ކަމަށެވެ.

މީކާއީލް ވަނީ "ރަންރީނދޫ ލަޝްކަރު" ގެ ބައިވެރިން އޭނާއަށް އިތުބާރު ކުރުމަށް އެދިވަޑައިގެންފައެވެ. އަދި އާންމު މެންބަރުންގެ އިތުބާރާއެކު މި އިންތިހާބު ވަރަށް ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު