ތެޔޮ އުފުލާ މަނަވަރެއް
ތެޔޮ އުފުލާ މަނަވަރެއް
އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބެމުންދާތީ، އީރާނަށް އިތުރު ޙަމަލާތަކެއް ދިނުމަކީ ނާދިރު ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ގޮސްފިއެވެ.

ހޯމަ ދުވަހުގެ ބާޒާރު ހުޅުވުނުއިރު، ހޯރމުޒް ކަނޑުއޮޅި ކައިރިން އުޅަންދުފަހަރަށް ޙަމަލާތަކެއް ދީފައިވާ ކަމުގެ ރިޕޯޓްތައް ދެ ގައުމުން ވެސް ކޮށްފައިވާ ދަނޑިވަޅެއްގައި ވެސް ތެލުގެ އަގަށް ވަނީ ހެޔޮ ބަދަލެއް އައިސްފައެވެ.

އޭޝިއާގެ ބާޒާރުގައި ބްރެންޓް ކްރޫޑްގެ އަގު 84 ސެންޓު (0.85 އިންސައްތަ) ދަށަށް ގޮސް ބެރެލެއްގެ އަގު އުޅެނީ 97.48 އެމެރިކާ ޑޮލަރުގައެވެ. އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަރމީޑިއަޓް (ޑަބްލިއު.ޓީ.އައި) ގެ އަގު 32 ސެންޓު (0.35 އިންސައްތަ) ދަށަށް ގޮސް ބެރެލެއްގެ އަގު ވަނީ 90.51 ޑޮލަރަށް ވެއްޓިފައެވެ.

ވޭތުވެދިޔަ ހަފުތާގައި ބްރެންޓް ކްރޫޑްގެ އަގު 17 އިންސައްތައިން ދަށަށް ގޮސްފައިވާއިރު، މިއީ ކޮވިޑް-19 ގެ އާލަމީ ވަބާއަށްފަހު އެކަކަށް ވެސް ތެލުގެ އަގު މިއަދަދަށް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

ސީ.އެން.އެން އަށް ދެއްވި ފޯނު އިންޓަވިއުއެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ، އިތުރު ޙަމަލާތަކެއް ދޭންޖެހޭނީ ދެގައުމުގެ ދެމެދުގައި ވަރުގަދަ އެއްބަސްވުމެއް އެކުލަވާނުލެވިއްޖެ ހާލަތެއްގައި ކަމަށެވެ.

އެހެންނަމަވެސް، މިހާރު މަޝްވަރާތައް ކުރިއަށްދާ ގޮތުން އިތުރު ޙަމަލާއެއް ދޭންޖެހުމަކީ ނާދިރު ކަމެއް ކަމަށް ވިދާޅުވިއެވެ.

އެމެރިކާގެ މިޑްޓަރމް އިންތިޚާބަށްފަހު ޓްރަމްޕް އީރާނަށް ޙަމަލާދެއްވަން އުޅުއްވާ ކަމުގެ އިޝާރާތެއް ކުރެއްވި ނަމަވެސް، އަދި ބޮޑު ރޭވުމެއްގެ ދަށުން ޙަމަލާއެއް ދިނުމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

މާކެޓް އެނަލިސްޓުން ބުނާ ގޮތުގައި މެދުއިރުމަތިން ތެޔޮ ބޭރުކުރާ މިންވަރު އިތުރުވުމާއި، އެހެން ގައުމުތަކުގެ އުފެއްދުންތެރިކަން މައްޗަށް ދިއުމުގެ އިތުރުން ދުނިޔޭގެ ބާޒާރުގައި ތެލަށް އޮތް އެދުން (ޑިމާންޑް) ކުޑަވުމުގެ ސަބަބުން، ތެޔޮ ބޭނުންކުރާ މިންވަރަށްވުރެ ސަޕްލައި ވަނީ އިތުރުވެފައެވެ.

ޖޭ.ޕީ. މޯގަންގެ ރިޕޯޓެއްގައިވާ ގޮތުން ސެޕްޓެމްބަރު މަހު ދުވާލަކު 1.1 މިލިއަން ބެރެލްގެ އިތުރު ސަޕްލައިއެއް އުފެދިފައިވާއިރު، އޮކްޓޯބަރު މަހު މި އަދަދު ވަނީ 1.4 މިލިއަން ބެރެލްއަށް މައްޗަށް ގޮސްފައެވެ.

މީގެއިތުރުން، ޢިރާގުގެ ތެޔޮ ހޯރމުޒް ކަނޑުއޮޅި މަގުން އޯމާން ކައިރީގައިވާ ޚާއްޞަ ޝިޕިންއެއް މެދުވެރިކޮށް ބޭރުކުރުމަށް އެމެރިކާއާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ޢިރާގުގެ ޚާރިޖީ ވަޒީރު ފުއާދު ޙުސައިން ވަނީ ވިދާޅުވެފައެވެ.

އީރާން ހަނގުރާމައާއި ތެޔޮ ބޭރުކުރުމަށް މެދުވެރިވި ހުރަސްތަކުގެ ސަބަބުން ޢިރާގަށް 60 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް