މަރްޔަމް ނަހްދާ ވަޙީދު   5 މޭ 2026 - 8:24
ޖަވާހަރްލާލް ނެހުރޫ، ތާރީޚުގެ ތެރެއިން ފާހަގަކޮށްލެވޭ ބޮޑުވަޒީރަކަށް ވެފައި ވަނީ އެ ބޭފުޅާ ގެންގުޅުއްވި ސިޔާސަތުތަކާއި، ދެއްވާފައިވާ ތަގުރީރުތަކާއި، ޤައުމަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ ސަބަބުންނެވެ. ނަމަވެސް، ބައެއް ފަހަރު އެ ބޭފުޅާގެ ޒާތީ ސިފަތަކާއި ޝަޚުޞިއްޔަތުގެ ވާހަކަވެސް ދެކެވެއެވެ. ތާރީޚުގައި ފެނުނު އެންމެ ފުރިހަމަ ޝަޚުޞިއްޔަތެއްގެ ވެރި ބޮޑުވަޒީރުންގެ ވާހަކަ ދެކެވޭއިރު، މިނިވަން އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރްލާލް ނެހުރޫގެ ނަންފުޅަކީ ވަރަށް ގިނައިން ފާހަގަކުރެވޭ ނަމެކެވެ.

މި މާނައިގައި "ރީތިކަން" ނުވަތަ "ފުރިހަމަކަން" ބިނާވެފައިވަނީ ހަމައެކަނި މީހާގެ ސޫރައަކަށް ނޫނެވެ. އެއީ މީހާގެ ހަށިގަނޑުގެ ބައްޓަމާއި، މީހާގެ ހަރަކާތްތަކާއި، އަމަލުތައް ހުންނަ ގޮތުގެ މައްޗަށެވެ. ނެހުރޫގެ ކިބައިން ފެންނަނީ ސާދާކަމާއި މާތްކަން އެކުލެވިގެންވާ ތަފާތު ސިފަތަކެކެވެ. އެމަނިކުފާނުގެ މޫނުމަތީގެ ސިފަތަކާއި، ޝުއޫރުތަކުން ފުރިގެންވާ ދެލޯފުޅާއި، ހިނިތުންވުމުން ފެންނަނީ ޤުދުރަތީ ހައިބަތެކެވެ. ސިޔާސީ ހަޔާތުގެ ކުރީކޮޅުގެ ފޮޓޯތަކުން ފެންނަނީ، ޤައުމުގެ މުސްތަޤުބަލާ މެދު ފުންކޮށް ވިސްނަވާ، ދުރުވިސްނޭ ބޭފުޅެއްގެ ސިފައެވެ.

އެމަނިކުފާނުގެ އަމިއްލަ ފޭރާމާއި ހެދުން އެޅުއްވުމުގެ ވައްޓަފާޅިއަކީ އެމަނިކުފާނުގެ ތަސައްވުރު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރި ކަމެކެވެ. "އަޗްކަން" ކޯޓާއި، އޭގެ މޭމަތީގައި ޖައްސަވާފައި އިންނަ ރަތް ފިނިފެންމަލަކީ އެމަނިކުފާނަށް ޚާއްޞަވެފައިވާ ސިފައެކެވެ. އެ ފިނިފެންމަލަކީ ހަމައެކަނި ޒީނަތްތެރިކަމެއް ނޫނެވެ. އެއީ އެމަނިކުފާނު ޤުދުރަތީ ރީތިކަމަށް ދެއްވާ ލޯތްބާއި ޤަދަރު ރަމްޒުކޮށްދޭ ކަމެކެވެ. އެ ދުވަސްވަރުގެ އެހެން ލީޑަރުން ހުޅަނގުގެ ސޫޓު ބޭނުންކުރެއްވި ނަމަވެސް، ނެހުރޫ އިޚްތިޔާރު ކުރެއްވީ އިންޑިއާގެ ސަޤާފީ ހެދުމެވެ. މީގެ ސަބަބުން ބައިނަލްއަޤުވާމީ މައިދާނުގައި އެމަނިކުފާނު ފާހަގަކޮށްލެވުނެވެ. މިއީ ތަހުޒީބުވުމަކީ އެހެން ބަޔަކު ކޮޕީކުރުން ނޫންކަން ދައްކުވައިދިން ކަމެކެވެ.

ނެހުރޫގެ ތައުލީމީ ފެންވަރަކީވެސް އެމަނިކުފާނުގެ ޝަޚުޞިއްޔަތު އިތުރަށް ފުރިހަމަކޮށްދިން ކަމެކެވެ. ހެރޯ ސްކޫލާއި ކެމްބްރިޖް ޔުނިވަރސިޓީން ތައުލީމު ހާސިލުކުރައްވާފައިވުމުން، ބައިނަލްއަޤުވާމީ މައިދާނުގައި ވާހަކަދެއްކެވުމުގެ ޤާބިލުކަމާއި އިތުބާރު އެމަނިކުފާނުގެ ކިބައިގައި ހުއްޓެވެ. އެމަނިކުފާނުގެ ބަސްމަގު ސީދާވެފައި، އަޑުފުޅަކީ މަޑުމައިތިރި އަދި މީހުން ގަޔާވާފަދަ އަޑުފުޅެކެވެ. މީހުންނާ މުޚާތަބު ކުރެއްވުމުގައި ހަޅޭއްލެވުމެއް ނުވަތަ މާ ބޮޑު "ޑްރާމާ" އެއް ނުގެންގުޅުއްވައެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ބޭނުންކުރެއްވީ ބުއްދިވެރިކަމާއި، ސާފު ތަސައްވުރެކެވެ. މި އިލްމީ ޤާބިލުކަމުގެ ސަބަބުން އެމަނިކުފާނުގެ ބޭރުފުށުގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ލިބުނެވެ.

އިންޑިއާގެ މިނިވަންކަމުގެ ޖިހާދުގައި ނެހުރޫ ގިނަ އަހަރުތަކެއް ޖަލުގައި ހޭދަކުރެއްވިއެވެ. އެ އަހަރުތަކަކީ އެމަނިކުފާނުގެ ސަޚުޞިއްޔަތު ވަރުގަދަވި ދުވަސްތަކެކެވެ. 1947 ވަނަ އަހަރު އިންޑިއާއަށް މިނިވަންކަން ލިބުނުއިރު، އެމަނިކުފާނަކީ ހަމައެކަނި ސިޔާސީ ލީޑަރެއް ނޫނެވެ، އެއީ ޤުރުބާނީ އާއި ވަފާތެރިކަމުގެ ނަމޫނާއެކެވެ. ގިނަ ބަޔަކަށް އެމަނިކުފާނުގެ މި ސާބިތުކަމަކީ އެމަނިކުފާނުގެ ޝަޚުޞިއްޔަތަށް ލިބުނު އިތުރު ފުރިހަމަކަމެކެވެ.

ވިހިވަނަ ޤަރުނުގެ މެދުތެރޭގައި ދުނިޔޭގެ މީޑިއާތަކުން އެމަނިކުފާނު ސިފަކޮށްފައިވަނީ ހައިބަތު ހުރި، މީހުން ގަޔާވާފަދަ ބޭފުޅެއްގެ ގޮތުގައެވެ. ދުނިޔޭގެ އެހެން ލީޑަރުންނާއެކު ނަގާފައިވާ ފޮޓޯތަކުން ފެންނަނީ އެމަނިކުފާނުގެ އަމިއްލަ ނަފްސަށް އޮތް އިތުބާރެވެ. އެމަނިކުފާނުގެ ހަށިގަނޑު ބަހައްޓަވާ ގޮތާއި، ސަލާމްކުރައްވާ ގޮތާއި، މޫނުމަތީގެ މަޑުމައިތިރިކަމުން ދައްކުވައިދެނީ ތާރީޚުގެ ތެރޭގައި ފާހަގަކޮށްލެވޭ ފަދަ ލީޑަރެއްގެ ސިފައެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ކިބައިގައި އޯގާތެރި ސިފަތަކެއްވެސް ހުއްޓެވެ. ކުޑަކުދިންނަށް އޮތް ޚާއްޞަ ލޯތްބެއްގެ ސަބަބުން އެމަނިކުފާނަށް "ޗާޗާ ނެހުރޫ" (ނެހުރޫ ބޭބެ) ގެ ނަމުން ނިސްބަތްކުރެވެއެވެ. ކުޑަކުދިންނާއެކު އުޅުއްވާއިރު ފެންނަ ހިނިތުންވުމާއި ހިތްހެޔޮކަމަކީ، ރަސްމީ ބައްދަލުވުންތަކުން ފެންނަ ސީރިއަސް ސިފައާ މުޅިން ތަފާތު ސިފައެކެވެ. ހަރުކަށިކަމާއި މަޑުމޮޅިކަމުގެ ދެމެދުގައި ހިފަހައްޓަވާ މި ހަމަހަމަކަމަކީ އެމަނިކުފާނު މީހުންނާ ގާތްކޮށްދިން ސިފައެކެވެ.

އަދި ކޮންމެއަކަސް، ރީތިކަމަކީ އެކި މީހުންނަށް އެކި ގޮތަށް ފެންނަ އެއްޗެކެވެ. އެކި ޖީލުތަކުން އެކި ލީޑަރުން ފާހަގަކޮށްފާނެއެވެ. ނަމަވެސް، ނެހުރޫއަކީ ތާރީޚުގައި ފެނުނު އެންމެ ފުރިހަމަ އެއް ބޮޑުވަޒީރު ކަމަށް ބުނާއިރު، އެއީ ހަމައެކަނި ބޭރުފުށުގެ ރީތިކަމެއް ނޫނެވެ. އެއީ އެމަނިކުފާނުގެ ވައްޓަފާޅިއާއި، އިލްމީ ޤާބިލުކަމާއި، އުނދަގޫ ހާލަތްތަކުގައި ކަންކަން ކުރެއްވި ހަރުދަނާ ގޮތެވެ.

ޖަވާހަރްލާލް ނެހުރޫ ތަފާތު ބޭފުޅަކަށްވީ އެމަނިކުފާނުގެ ބޭރުފުށުގެ ސޫރައާއި އެތެރެފުށުގެ ތަސައްވުރުގައި ހުރި އެއްގޮތްކަމެއްގެ ސަބަބުންނެވެ. އެމަނިކުފާނަކީ ޤައުމެއްގެ ޒިންމާ އުފުއްލެވުމުގެ ހައިބަތާއި ޤާބިލުކަން ހުރި ލާމަސީލު ލީޑަރެކެވެ. އެމަނިކުފާނުގެ ހަނދާންތައް މިއަދުވެސް އާވަނީ މި ދެންނެވި ފުރިހަމަ ޝަޚުޞިއްޔަތުގެ ސަބަބުންނެވެ.



ކިޔުންތެރިންގެ ހިޔާލު