ދޫނިދޫ: މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
ދޫނިދޫ: މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
ފުލުހުންގެ ކަސްޓޯޑިއަލް، ދޫނިދޫގައި ހައްޔަރުކޮށްފައި ތިބޭ މީހުން އަމުރަށް ނުކިޔަމަންތެރިވުމުން، އެ މީހުންނަށް ލާއިންސާނީ އަދަބުދީ އިހާނެތިކޮށް އަމަލުކުރަމުންދާކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ހާމަކޮށްފިއެވެ.

މިކަން ހާމަވެފައިވަނީ އެ ކޮމިޝަނުގެ ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް) އިން އެކުލަވާލައި އާންމުކުރި މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުންނެވެ. އެންޕީއެމްގެ ރިޕޯޓުގައި ވަނީ، ދޫނިދޫގައި ތިބޭ ގައިދީންގެ ތެރެއިން އަމުރަށް ނުކިޔަމަންތެރިވާ މީހުން އެކަހެރިކޮށް ބައިތިއްބަނީ ކަސްޓޯޑިއަލްގެ ކަސްރަތު ކުރާ ސަރަހައްދުގައި ހުންނަ ކޮއްޓެއްގައި ކަމަށެވެ.

މި ކޮށި ހުންނަނީ އެއްވެސް ވަރަކަށް ހިޔާ ނުލިބޭ، އަވިބާރު ސަރަހައްދެއްގައެވެ. މެންދުރުގެ ގަދަ ހޫނުގައި ބަންދު މީހުންގެ އަތާއި ފައިގައި ކްލިޕް ބިޑި އަޅުވައި، ކުނަލެއްގެ މަތީގައި ގިނަ ވަގުތުތަކެއް ވަންދެން ބާއްވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް އެ ރިޕޯޓުގައިވެއެވެ.

މީގެ އިތުރުން، އެ ކޮށީގައި ބައިތިއްބާ މީހުންނަށް ނަމާދުކުރުމާއި ފާހާނާކުރުމުގެ ފުރުސަތު ދޭކަމަށް ފުލުހުން ބުނި ނަމަވެސް، އެފަދަ ކަންކަން ސިސްޓަމުގައި ލޮގްކޮށް ރެކޯޑުކޮށްފައި ނުވާކަން އެންޕީއެމްއިން ވަނީ ފާހަގަކޮށްފައެވެ.

ގަވާއިދު ބުނާގޮތުން ބިޑި އެޅުވުމުގެ އިހުތިޔާރު އޮފިސަރުންނަށް ލިބެނީ ބަންދު މީހާގެ ފަރާތުން އޮފިސަރަކަށް ނުވަތަ އަމިއްލަ ނަފްސަށް ގެއްލުމެއް ލިބިދާނެ ފަދަ ނުރައްކާތެރި އަމަލެއް ފެނިއްޖެ ހާލަތެއްގައި އެކަނި ނަމަވެސް، ހަމައެކަނި ބަހުގެ ހަމަލާ ދިނުމުން ނުވަތަ ނުކިޔަމަންތެރިކަން ދެއްކުމުން މިފަދަ ހަރުކަށި ފިޔަވަޅު އަޅާފައިވާކަން ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

ދޫނިދޫގެ އިތުރުން، ޏ. ފުވައްމުލަކު ޕޮލިސް ސްޓޭޝަނުގައި ގަވާއިދާ ހިލާފަށް މީހަކު އެކަހެރިކޮށްފައިވާ މައްސަލައެއް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން، ބަންދުގައި ހުރި މީހަކު ނުކިޔަމަންތެރިވުމުން އޭނާ ހަތް ދުވަހުގެ މުއްދަތަށް އެކަހެރިކޮށްފައިވާ އިރު، އެކަން ލިޔެކިޔުމުން ރެކޯޑުކޮށްފައި ނުވާކަމަށް އެންޕީއެމްއިން ބުނެއެވެ. އަދި ބަންދު މީހެއްގެ އިނާޔަތްތައް ކަނޑާލުމުގެ ގޮތުން އެ މުއްދަތަށް އެކަހެރިކުރުމަކީ ގަވާއިދު ހުއްދަކުރާ ކަމެއް ނޫންކަން ވެސް ކޮމިޝަނުން ފާހަގަކުރެއެވެ.

މީގެ އިތުރުން މި ރިޕޯޓުގައި ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރ (އެފްސީއެސްސީ) ތަކުގައި ބަލަހައްޓާ ކުދިންނަށް އަޅާ ފިޔަވަޅެއްގެ ގޮތުން މަރުކަޒުގެ ހަރަކާތްތަކުގައި ބައިވެރިވުން މަހްރޫމްކުރާ އިރު، އެއީ ކޮން ކަހަލަ ހަރަކާތްތަކެއްކަން ސާފުކޮށް ރެކޯޑުކޮށްފައި ނުވާކަން އެންޕީއެމްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު