މާލޭ ކަސްޓޯޑިއަލް | ފޮޓޯ: ރަސް
މާލޭ ކަސްޓޯޑިއަލް | ފޮޓޯ: ރަސް
މާލޭ ކަސްޓޯޑިއަލްގައި ހުއްޓާ މިދިޔަ މަހު މަރުވި މީހާގެ ޕޯސްޓްމޯޓަމް ނިންމުމަށްފަހު ހަށިގަނޑު މާލެ ގެނެސް އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ބުނީ، މިދިޔަ އެޕްރީލް މަހުގެ 15 ވަނަ ދުވަހު މާލޭ ކަސްޓޯޑިއަލްގައި ހުއްޓާ މަރުވި 41 އަހަރުގެ ދިވެހި ފިރިހެން މީހާގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު، ހަށިގަނޑު ރޭގެ ވަގުތެއްގައި މާލެ ގެނެސްފައިވާ ކަމަށެވެ. އަދި މިހާރު ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މަރުވި މީހާގެ ޕޯސްޓްމޯޓަމްގެ ރިޕޯޓާ ގުޅޭ އެއްވެސް ތަފްސީލެއް ކަމާބެހޭ އިދާރާތަކުން އަދި ހާމައެއް ނުކުރެއެވެ.

ފުލުހުން ކުރިން ބުނީ، އެ މީހާ މަރުވީ ކޯޓަށް ހާޒިރުކުރުމަށްޓަކައި ބަންދުގައި ބަހައްޓާފައި ހުއްޓާ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ކުރިން ހާމަކޮށްފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ކަމާބެހޭ މުއައްސަސާތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު