އެމްޖޭއޭގެ އިޙްތިޖާޖުގެ ތެރެއިން
އެމްޖޭއޭގެ އިޙްތިޖާޖުގެ ތެރެއިން
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ގޮންޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ރައީސް އޮފީސް ކުރިމަތީގައި ހަމަހިމޭން އިޙްތިޖާޖެއް ބާއްވައިފިއެވެ.

މި އިޙްތިޖާޖުގެ ތެރެއިން އެމްޖޭއޭގެ ފަރާތުން ވަނީ ރައީސް އޮފީސް ކުރިމައްޗަށް ސަންދޯކެއް ގެންގޮސްފައެވެ. އެ ޖަމްޢިއްޔާއިން ބުނީ، ސަންދޯކެއް ބޭނުންކޮށްގެން މިފަދަ އިޙްތިޖާޖެއް ކުރަން ނިންމީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން މިހާރު އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައިކަން ރަމްޒުކޮށްދިނުމަށް ކަމަށެވެ.

އެމްޖޭއޭ އިން ބުނީ، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ހަނިވަމުންދާ ދިއުމާއި، ނޫސްވެރިންނަށް ކުރިމަތިވަމުންދާ އެކިކަހަލަ ހުރަސްތަކުގެ ސަބަބުން މީޑިއާގެ މިނިވަންކަން "މަރުވަމުންދާ" ކަމުގެ މެސެޖު ކަމާބެހޭ ފަރާތްތަކަށް ދޭން ބޭނުންވާ ކަމަށެވެ. އަދި މި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ނޫސްވެރިންގެ މި އަޑުތައް އަހައި، ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް އެ ޖަމްޢިއްޔާއިން ވަނީ ގޮވާލާފައެވެ.

މި ހަމަހިމޭން އިޙްތިޖާޖަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ހުށަހަޅައި، މިނިވަން ނޫސްވެރިކަމަކަށް މަގުފަހިކޮށްދިނުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

އެމްޖޭއޭ އިން ބުނީ މި ހަރަކާތުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކުން ނޫސްވެރިންގެ ހައްޤުތަކަށް އިތުރަށް ސަމާލުކަންދީ، ނޫސްވެރިކަމަށް އޮތް ނުރައްކާތައް ނައްތާލުމަށް މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު