"ދަ ޑެވިލް ވެއަރސް ޕްރާޑާ 2" ފުރަތަމަ ފިލްމަށްވުރެ ކާމިޔާބުވާނެ ކަމަށް ބެލެވުނު ފިލްމް 20 އަހަރުގެ ދިގު އިންތިޒާރަކަށްފަހު އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް އައިސްފައިވާއިރު، މި ފިލްމަށް ލިބެމުންދާ ފުރަތަމަ ރިވިއުތަކުން ދޭހަވަނީ މިއީ ކުރެވުނު އިންތިޒާރާ އެއްވަރުގެ ފުރިހަމަ ފިލްމެއް ކަމެވެ.

ފުރަތަމަ ފިލްމުގެ މައިގަނޑު ތަރިން ކަމަށްވާ އެން ހެތަވޭ، އެމިލީ ބްލަންޓް، މެރިލް ސްޓްރީޕް އަދި ސްޓެންލީ ޓޫޗީ އެ މީހުންގެ މަޝްހޫރު ރޯލުތަކުން އަލުން ފެނިގެންދާއިރު، ބެލުންތެރިންގެ އުންމީދުތައް ހުރީ ވަރަށް މަތީގައެވެ. ފިލްމަށް ލިބެމުންދާ ތައުރީފަށް ބަލާއިރު، މިއީ ފުރަތަމަ ފިލްމުގެ ފެންވަރު ހިފަހައްޓައި، މި ޒަމާނާ ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ ކާމިޔާބު ފިލްމެއްކަން ފާހަގަކުރެވެއެވެ. އޭޕްރީލް 29 ގައި ފިލްމުގެ ރިވިއުތައް އާންމުކުރަން ފެށުމާއެކު، ކުރު މުއްދަތެއްގެ ތެރޭގައި 100 އަށްވުރެ ގިނަ ފާޑުކިޔުންތެރިންގެ ހިޔާލު ވަނީ ލިބިފައެވެ. މަޝްހޫރު "ރޮޓެން ޓޮމާޓޯސް" ވެބްސައިޓުގައި މި ފިލްމަށް %79 ގެ ރޭޓިންއެއް ލިބިފައިވާއިރު، މިއީ ފުރަތަމަ ފިލްމަށް ލިބުނު %75 އަށްވުރެ މަތީ އަދަދެކެވެ. މީގެ އިތުރުން "މެޓާކްރިޓިކް" ގައި 61 ޕޮއިންޓް އަދި "އައި.އެމް.ޑީ.ބީ" ގައި 7.1 ގެ ރޭޓިންއެއް މި ފިލްމަށް ވަނީ ލިބިފައެވެ. މިއީވެސް ފުރަތަމަ ފިލްމަށް ލިބުނު 7.0 އަށްވުރެ ކުރިއެރުމެކެވެ.

ފާޑުކިޔުންތެރިން ޤަބޫލުކުރާ ގޮތުގައި، މި ފިލްމުގައި ފުރަތަމަ ބައިގެ އަސްލު ރޫހު ހިފަހައްޓަމުން، އޭގެ މައުޟޫއުތައް ވަނީ އިތުރަށް ފުޅާކޮށްފައެވެ. ހާއްސަކޮށް މީރަންޑާ ޕްރީސްޓްލީގެ ޝަހުސިއްޔަތު އިތުރަށް ވަރުގަދަކޮށް، އޭނާގެ ކެރެކްޓާގެ އެކި ދާއިރާތައް ފުންކޮށް ދައްކުވައިދީފައިވާކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. "ދަ ބޮސްޓަން ގްލޯބް" އިން ފާހަގަކުރި ގޮތުގައި، މީޑިއާގެ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާއެކުވެސް މީރަންޑާގެ ނުފޫޒުގަދަ ސިފަތައް ފިލްމުގައި ވަނީ ވަރަށް ފުރިހަމައަށް ދައްކައިދީފައެވެ.



މި ފިލްމުގައި މިހާރުގެ ޑިޖިޓަލް ޒަމާނުގައި ސަގާފީ ނޫސްވެރިކަމަށާއި މަޖައްލާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޒަމާނީ ނަޒަރަކުން އަލިއަޅުވާލާފައިވެއެވެ. "ދަ އެޓްލާންޓިކް" އިން ބުނި ގޮތުގައި، ފިލްމުގެ މަޖާކަމާއި ޝައުގުވެރިކަން ގެއްލުވާނުލައި، މުހިންމު މައުޟޫއުތަކަކަށް ފިލްމުގައި ބަހުސްކޮށްފައިވެއެވެ. އަދި "ދަ ޓައިމްސް ޔޫކޭ" އިން ވަނީ މެރިލް ސްޓްރީޕް އާއި އެން ހެތަވޭގެ މެދުގައި އޮތް އެކްޓިންގެ ގުޅުން އަދިވެސް އެހާމެ ވަރުގަދަކަން ފާހަގަކޮށްފައެވެ. "ދަ ޓެލެގްރާފް"، "ދަ އިންޑިޕެންޑެންޓް" އަދި "ދަ ޓައިމްސް" ފަދަ ބޮޑެތި ނޫސްތަކުން މި ފިލްމަށް ހަތަރު ތަރީގެ ރޭޓިންއެއް ވަނީ ދީފައެވެ.

ފިލްމުގެ އާ ތަރިންގެ ގޮތުގައި ކެނެތް ބްރެނާ، ލޫސީ ލިއު އަދި ސިމޯން އޭޝްލީ ފެނިގެންދާއިރު، މިއީ ވާހަކައަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ބަދަލެކެވެ. ފިލްމުގެ ޚުލާސާއަށް ބަލާއިރު، ބަދަލުވަމުންދާ މީޑިއާގެ މާހައުލުގައި މީރަންޑާ މަސައްކަތްކުރަމުންދާއިރު، އެންޑީ އަލުން "ރަންވޭ" މަޖައްލާއާ ގުޅެއެވެ. އަދި މިހާރު ފެޝަންގެ ދުނިޔޭގައި ބާރުގަދަ މީހަކަށް ވެފައިވާ އެމިލީއާވެސް އެމީހުން ބައްދަލުވެ، މަޖައްލާގެ މުސްތަޤުބަލާ ގުޅޭ މުހިންމު ނިންމުންތަކެއް ނިންމަންޖެހެއެވެ.

ސަޕޯޓަރުން އުންމީދުކުރި ފަދަ، ޒަމާނީ އަދި އަސަރުގަދަ ފިލްމަކަށް "ޑެވިލް ވެއާރސް ޕްރާޑާ 2" ވަނީ ވެފައެވެ. އާންމުކޮށް މަޤުބޫލު ފިލްމުތަކުގެ ދެވަނަ ބައިތަކަށް ކުރީގެ ކާމިޔާބީ ތަކުރާރުކުރަން އުނދަގޫވި ނަމަވެސް، މި ފިލްމު ވަނީ ފުރަތަމަ ބަޔަށް ތުރެން ފުރިހަމަ އުފެއްދުމަކަށް ދައްކައިދިފައެވެ. މި ހުކުރު ދުވަހު ފިލްމު ސިނަމާތަކުގައި ދައްކަން ފެށިއިރު، ފާޑުކިޔުންތެރިންގެ މި ހޫނު ތަރުހީބާއެކު، މިއީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާނެ ފިލްމެއް ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު