ރައީސް ޑރ. މުއިއްޒު އާއި ލަންކާގެ ރައީސް-
ރައީސް ޑރ. މުއިއްޒު އާއި ލަންކާގެ ރައީސް-
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަންނަ މޭ މަހު އެ ޤައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ހާމަކުރި ގޮތުގައި، މޭ މަހުގެ 3 އިން 6 އަށް ކުރައްވާ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަޤްޞަދުގައި ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ސްރީލަންކާގެ އިސް މަސްއޫލުވެރީންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްވަރާތަކަށްފަހު، ދެ ލީޑަރުންގެ ހާޒިރުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ވެސް ވަނީ ތާވަލުކުރެވިފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ކެބިނެޓުގެ ބައެއް ވަޒީރުންގެ އިތުރުން ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކޮށްފައިވާއިރު، މިދިޔަ އަހަރުގެ ޖުލައި މަހު ލަންކާގެ ރައީސް ޑިސަނާޔަކެ ވަނީ ރާއްޖެއަށް ދަތުރުފުޅެއް ކުރައްވާފައެވެ. ރައީސް އޮފީހުން ބުނިގޮތުގައި ރައީސް މުޢިއްޒު އަބަދުވެސް އިސްކަންދެއްވަނީ ރާއްޖޭގެ ތަރައްޤީގައި ބައިވެރިވާ މުހިންމު ޤައުމުތަކާއެކު އޮންނަ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށެވެ.

މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އިޖުތިމާޢީ އަދި އިޤްތިޞާދީ ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާނެ މުހިންމު ފުރުޞަތެއްގެ ގޮތުގައި ރައީސް އޮފީހުން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު