ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު-
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު-
ކަރަންޓު ބިލުތައް އާދަޔާ ހިލާފަށް ބޮޑުވެފައިވާ ކަމަށް ބުނެ އާންމުން ޝަކުވާ ކުރަމުންދާ ދަނޑިވަޅެއްގައި، ބިލުތަކަށް އިތުރު ޑިސްކައުންޓެއް ދިނުމުގެ ސިޔާސަތެއް މިވަގުތު ސަރުކާރުން ނުގެންގުޅޭ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކާ މެދު މަޝްވަރާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ހާއްސަ ކޮމިޓީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ކަރަންޓު ބިލުތަކުގައި އެއްވެސް ޓެކްނިކަލް މައްސަލައެއް އުޅޭނަމަ އެކަން ހައްލުކޮށްދޭނެ ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، ނިމިދިޔަ ރޯދަ މަހު ގޭބިސީތަކަށް ލުއި ދިނުމުގެ ގޮތުން ފޮނުވާފައިވަނީ 400 ރުފިޔާގެ ބިލެކެވެ.

ނަމަވެސް ރޯދަ މަހަށް ފަހު ލިބުނު ބިލުތައް ބޮޑުވެފައިވާ ކަމަށް ބުނެ މީސްމީޑިއާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އާންމުން ހިއްސާކޮށްފައިވާ ބައެއް ބިލުތަކަށް ބަލާއިރު، ކުރިން 1,000 ރުފިޔާއަށް ވުރެ ކުޑަ ބިލުތައް މިފަހަރު ވަނީ 2,000 އާއި 3,000 ރުފިޔާއަށް ވުރެ މައްޗަށް އަރާފައެވެ.

"ބިލުތަކަށް މި މަހު އިތުރު ޑިސްކައުންޓެއް ދޭކަށް އަދި ސަރުކާރުގެ ޕޮލިސީއެއް ނެތް. ރޯދަ މަހު ވަރަށް ބޮޑު ލުޔެއް ލިބިފައި އޮތީ. ދެން އެއާ ޖެހިގެން މާޗު، އެޕްރީލަކީ އެންމެ ކަރަންޓު ހަރަދު ބޮޑު ދެ މަހަށް ވީމައާ ވެސް އެއްކޮށް އަޅުގަނޑަށް ހީވަނީ ބިލުތަކަށް ބަދަލު އައިސްފަ ހުރީ،" މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ކޮންމެ އަހަރެއްގެ ވެސް މާޗު މަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށްވުމުން، ކަރަންޓު ބޭނުންކުރާ މިންވަރު 10 އިންސައްތައާއި 15 އިންސައްތައާ ދެމެދުގެ މިންވަރަކަށް އިތުރުވާ ކަމަށް ސްޓެލްކޯއާއި ފެނަކައިގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.

ބިލުތަކުގެ މައްސަލަ އެންވަޔަރަމަންޓް މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ހިދުމަތްދޭ ކުންފުނިތަކުގެ އެއްވެސް ފަންނީ މައްސަލައެއް އުޅޭނަމަ އެކަންކަން ބަލައި ރަނގަޅު ކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ޒަމީރު ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު