އަހުމަދް ސައީދު. ފޮޓޯ: ޕީއެންސީ
އަހުމަދް ސައީދު. ފޮޓޯ: ޕީއެންސީ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ވާދަކުރުމުގެ ޓިކެޓް، ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހްމަދު ސައީދަށް ދިނުމަށް އެ ޕާޓީން ނިންމައިފިއެވެ.

ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ، މި ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ސިނާން ޓިކެޓް ދޫކޮށްލައްވަން ނިންމެވުމާ ގުޅިގެން، ޕްރައިމަރީގައި އޭނާއާ ވާދަކުރެއްވި އަހްމަދު ސައީދަށް ޓިކެޓް ދިނުމަށް ޕާޓީގެ ލީޑާޝިޕުން ނިންމާފައިވާ ކަމަށެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، މިގޮތަށް ނިންމީ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާ މުއްދަތު ކައިރިވެފައިވާތީ، އާ ޕްރައިމަރީއެއް ބޭއްވުމުގެ ވަގުތު ނެތުމުން ކަމަށެވެ.

ޓިކެޓް ދޫކޮށްލެއްވުމަށްފަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސިނާން ވިދާޅުވީ، ޕާޓީގެ ޕްރައިމަރީ އިންސާފުވެރިކަމާއެކު ނިމިގެންގޮސް އޭނާއަށް ލިބުނު ކާމިޔާބީއަށް ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ލީޑާޝިޕުން ވިދާޅުވި މަރުޙަބާއަށް ޝުކުރު ދަންނަވާ ކަމަށެވެ. ނަމަވެސް، ފާއިތުވި ތިން ދުވަހު ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކޮށް ކުރެވުނު މަޝްވަރާތަކަށްފަހު، މި ގޮނޑި ޕީއެންސީއަށް ކާމިޔާބު ކުރުމަށް އެންމެ ފަހިވާނީ އޭނާ ފަހަތަށް ޖެހިވަޑައިގެން އާ ބޭފުޅަކަށް ފުރުޞަތު ދީގެން ކަމަށް ފެންނާތީ އެގޮތަށް ނިންމެވީ ކަމަށެވެ.

އަންނަ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ބައި-އިލެކްޝަންގައި ވާދަނުކުރަން ނިންމެވި ނަމަވެސް، ޕީއެންސީގެ ކެނޑިޑޭޓަށް މި ގޮނޑި ކާމިޔާބުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތުގައި އޭނާގެ ފުރިހަމަ ބައިވެރިވުމާއި އެއްބާރުލުން އެންމެ ފުޅާދާއިރާއެއްގައި އޮންނާނެ ކަމުގެ ޔަޤީންކަން ވެސް ސިނާން ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު