އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު
ސްކޫލްތަކުގައި ދިމާވާ ބުލީކުރުމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދޭނީ ހަމައެކަނި ތައުލީމީ މުއައްސަސާތަކުގެ ތެރެއިން ނޫން ކަމަށާއި، އެކަން ހައްލުކުރުމަށްޓަކައި ގޭތެރެއާއި މުޅި މުޖުތަމައުގެ މަސްރަހު އެކަކު އަނެކަކުދެކެ ލޯބިވާ އަދި އޯގާތެރި ވެއްޓަކަށް ބަދަލުކުރަންޖެހޭ ކަމަށް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މީސް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ. މިނިސްޓަރ ވިދާޅުވީ ކުޑަކުދިންނަކީ އެކުދިންގެ ވަށައިގެންވާ މާހައުލުން ފެންނަ ކަންކަން ވަރަށް ބޮޑަށް ނަކަލުކުރާ ބައެއް ކަމަށެވެ. އެގޮތުން، އެކަކު އަނެކަކަށް މަލާމާތްކޮށް، ދަށްކޮށްލާ ބަސްތައް ބޭނުންކުރާ މުޖުތަމައެއްގެ ތެރެއިން ކުއްޖާއަށް ދަސްވާ ނޭދެވޭ އާދަތައް ސްކޫލް މާހައުލުގައި ތަކުރާރުވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މީސް މީޑިއާގައާއި އާންމު އެއްވުންތަކުގައި މީހުންގެ އަބުރަށް އަރައިގަތުމަކީ މިއަދު "މުނިފޫހިފިލުވުން" ކަމުގައި ބަލައިގަންނަން ފަށާފައިވާ ކަމަށާއި، މިއީ މުޅި މުޖުތަމައު އިސްލާހީ ފިޔަވަޅު އަޅަންޖެހިފައިވާ ނުރައްކާތެރި ކަމެކެވެ.

ހެޔޮލަފާ ޖީލެއް ބިނާކުރުމަށްޓަކައި މުދައްރިސުން ކުރައްވަނީ ނުހަނު ބުރަ އަދި އާދައިގެ މަސައްކަތެއް ނޫންކަން ފާހަގަކުރަށްވަމުން މިނިސްޓަރ ވިދާޅުވީ، ކުދިންނަށް ފިލާވަޅުތައް އުނގަންނައިދިނުމުގެ އިތުރުން މުޖުތަމައާއި ގޭތެރެއިން ފެންނަ ނޭދެވޭ އާދަތައް އިސްލާހުކުރުމަށް މުދައްރިސުން ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ. އަދި ސްކޫލްތަކުގައި ދެވޭ ތަރުބިއްޔަތުގެ ޕްރޮގްރާމްތައް އިތުރަށް ހަރުދަނާކުރަންޖެހޭ ކަމަށާއި، އެގޮތުން މިއަހަރު އަލަށް ފެށި "ބިންގާ" ޕްރޮގްރާމަކީ މިފަދަ މައްސަލަތަކަށް ހައްލު ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން މިނިސްޓަރ ހާމަކުރެއްވިއެވެ.

އިސްލާމީ ރިވެތި އަޚުލާގުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވަނީ ކީރިތި ރަސޫލާ ﷺ ގެ ހަދީޘްފުޅެއް ހަނދާންކޮށްދެއްވާފައެވެ. އެއީ މުސްލިމަކީ، އެމީހެއްގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާ ކަމުގައި ބަޔާންކުރައްވާފައިވާ ހަދީޘްފުޅެވެ. މި މާނަ ދޭހަވާ ހަދީޘްފުޅު ހިއްސާކުރައްވަމުން، މީހަކަށް ދެރައެއް ދިނުމަކީ ނުވަތަ ފުރައްސާރަކުރުމަކީ އިސްލާމްދީނުގައި ބޮޑުވެގެންވާ ފާފައެއްކަން ކުދިންނަށް ބުނެދީ، ބޮޑެތި މީހުން އެކަމުގައި އަމަލީ ގޮތުން ނަމޫނާ ދައްކަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅު ނިންމަވާލެއްވީ، ގައުމުގެ މުސްތަގުބަލު ކަމުގައިވާ ކުޑަކުދިންނަށް ހެޔޮ ނަމޫނާއެއް ނުދައްކައި، އެކަކު އަނެކަކަށް އޯގާތެރި ނުވެއްޖެނަމަ، މާދަމާގެ ޖީލު އޮންނާނީ ނަފްސާނީ ގޮތުން ބަލިކަށި، ކުލުނާއި އޯގާތެރިކަމުން މަހުރޫމުވެފައިވާ ބިރުވެރި މާހައުލެއްގައި ކަމުގެ އިންޒާރު ދެއްވަމުންނެވެ. އެހެންކަމުން، ބުލީކުރުން ހުއްޓުވުމަށްޓަކައި ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައި، ކޮންމެ ކުއްޖަކަށްވެސް އުފާވެރި އަދި ހިތްފަސޭހަ ވެއްޓެއް ގާއިމުކުރުމަށް މުޅި މުޖުތަމައަށް މިނިސްޓަރ ވަނީ އިލްތިމާސްކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު