މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް-
މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް-
އިދިކޮޅު އެމްޑީޕީން މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ، އޭނާ މޭޔަރުގެ އަރިހަށް ދިޔައީ ހަމައެކަނި ވާހަކަ ދައްކަން ކަމަށް ބުނެފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގ. އީރީ، އަބްދުﷲ މުއާޒް (35އ) އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. ކޯޓު އަމުރުގައިވާ ގޮތުން މުއާޒަކީ މީގެ ކުރިންވެސް ހައްޔަރާއި ބަންދު ރެކޯޑު އޮތް މީހެކެވެ.

ފުލުހުން ކޯޓުގައި ބުނެފައިވަނީ، މުއާޒް ވަނީ މުޒާހަރާގެ ތެރެއިން މޭޔަރު އާޒިމްގެ ގައިގައި އަތްލައި މާރާމާރީ ހިންގަން މަސައްކަތް ކޮށްފައި ކަމަށެވެ. ނަމަވެސް ކޯޓުގައި ވާހަކަ ދައްކަމުން މުއާޒް ބުނީ އޭނާ މޭޔަރު ކައިރިއަށް ދިޔައީ ވާހަކަ ދައްކަން ކަމަށާއި، އޭނާއާ މެދު މާރާމާރީ ހިންގީ މުޒާހަރާގެ ބައިވެރިން ކަމަށެވެ.

މި ހާދިސާ ހިނގި ވަގުތު ޓީވީން ލައިވްކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އާޒިމް މަގުމަތީގައި ހިންގަވާފައި ވަޑައިގަންނަވަނިކޮށް މީހަކު ގޮސް އޭނާ ކޮށްޕާލައެވެ. އެއާއެކު އާޒިމްގެ އަރިހުގައި ތިބި މީހުން ވަނީ އެ މީހާ ފަހަތަށް ޖައްސައި ދުރަށް ފޮނުވާލާފައެވެ. މި ހާދިސާއާ ގުޅިގެން މޭޔަރު އާޒިމް ތުހުމަތު ކުރެއްވީ، މިއީ ސަރުކާރުން ދުރާލާ ރާވައިގެން ބަޔަކު ލައްވައި ދީފައިވާ ހަމަލާއެއް ކަމަށެވެ. އޭނާ ވަނީ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރަށްވާފައެވެ.

ނަމަވެސް، ސަރުކާރުން ވަނީ އާޒިމްގެ މި ތުހުމަތުތައް ދޮގުކޮށްފައެވެ. ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވީ، އެއީ ސަރުކާރުން ކުރި ކަމެއް ކަމަށް މޭޔަރު ވިދާޅުވީ ކޮން ހެއްކެއްގެ މައްޗަށް ބިނާކޮށް ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށާއި، އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ. އަދި މިފަދަ ދަށު ދަރަޖައިގެ ތުހުމަތުތައް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭގެއިތުރުން މުންދު ވިދާޅުވީ، މި ހާދިސާ ހިނގިތާ އެތައް އިރެއް ވީއިރުވެސް އެމްޑީޕީން ނުވަތަ ސިޓީ ކައުންސިލުން އެ މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައި ނެތް ކަމަށެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯ ފެނުމާއެކު، ފުލުހުން ވަނީ އަމިއްލަ އިސްނެގުމަށް މި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު