ޤާނޫނީ ވަކީލު އަލީ ހުސައިން
ޤާނޫނީ ވަކީލު އަލީ ހުސައިން
ރައްޔިތުންގެ މަޖިލީހަކީ މިނިވަންކަމާއެކު ހިންގާ ތަނަކަށް ހެދުމަށްޓަކައި، މަޖިލީހުގައި ވާހަކަ ދެއްކުމުގެ ވަގުތު ބަހާ އުސޫލު ބަދަލުކޮށް، ޕާޓީތަކުގެ ބަދަލުގައި ވަކިވަކި މެންބަރުންނަށް ވަގުތު ދޭންޖެހޭ ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ، މަޖިލިސް ހިންގާ ގަވާއިދުގައި މިހާރު އޮންނަ ގޮތުން ޕާޓީތަކަށް ވާހަކަ ދައްކަން ވަގުތު ކަނޑައެޅުމަކީ ނިމުމަކަށް ގެންނަންޖެހޭ ކަމެއް ކަމަށެވެ.

ރާއްޖޭގެ އިންތިޚާބީ ނިޒާމަށް އިޝާރާތް ކުރައްވަމުން އަލީ ހުސައިން ވިދާޅުވީ، ރާއްޖެއަކީ ޕާޓީ ލިސްޓަށް ވޯޓުލާ ގައުމެއް ނޫން ކަމަށާއި، އެހެންކަމުން މަޖިލީހުގެ ވަގުތު ދޭންޖެހޭނީ ޕާޓީއަކަށް ބެލުމެއް ނެތި ވާހަކަދައްކަން އެދޭ ކޮންމެ މެންބަރަކަށް ކަމަށެވެ.



އަލީ ހުސައިން މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، މަޖިލީހުގެ މިނިވަންކަމާ ގުޅޭގޮތުން ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފުވެސް މިއަދު ވާހަކަފުޅުތަކެއް ދައްކަވާފައި ވަނިކޮށެވެ.

ނައިބު ރައީސް ވިދާޅުވީ ޕާލަމެންޓްތައް ހިންގަންވާނީ ސާފު މަގުސަދަކާއި މިނިވަންކަމާއި އެކުގައި ކަމަށެވެ. އެހެން ނޫންނަމަ ސަރުކާރުގެ އެކި ގޮފިތަކުގެ މެދުގައި އޮންނަން ޖެހޭ ބެލެންސް ނުވަތަ ބާރުތައް ވަކިވެފައި އޮންނަ އޮތުން ގެއްލި، މުއައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވަމުންދާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު