ކުރީގެ ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ
ކުރީގެ ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ
ދައުލަތުގެ ބާރުތައް ގާނޫނީ އިމުގެ ތެރެއިން ހަމަހަމަކުރުމަށާއި، ރައްޔިތުން ތަމްސީލުކުރުން މިހާރަށްވުރެ ހަރުދަނާ ކުރަންޖެހޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ އައްޑޫ ސިޓީގައި އެމްޑީޕީން ބޭއްވި ”ބޮޑު ބަދަލު“ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މި ޖަލްސާގައި އޭނާ ވަނީ ގައުމުގެ މިހާރުގެ ސިޔާސީ މަސްރަހަށް ބައްލަވާލައްވައި، ގައުމަށް ތަޖުރިބާކާރު ލީޑަޝިޕެއްގެ މުހިންމުކަން އިންތިހާއަށް އޮތްކަން ފާހަގަކުރައްވާފައެވެ.

އެމްޑީޕީގެ ސަރުކާރުތަކުން ރައްޔިތުންގެ ލާބައަށް ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގެނައި އިސްލާހީ ބަދަލުތަކުގެ ހަނދާންތައް މާރިޔާ އާކުރެއްވިއެވެ.

ވަކިން ހާއްސަކޮށް، އުމުރުން ދުވަސްވީ މީހުންގެ ޕެންޝަނާއި އާސަންދަ ފަދަ ހިދުމަތްތައް ފެށި ދުވަސްވަރު އެކި ފަރާތްތަކުން ފާޑުކިޔައި ސުވާލު އުފެއްދި ނަމަވެސް، މިއަދު އެއީ ރައްޔިތުންނަށް ނުހަނު ބޭނުންތެރި އަސާސީ ހިދުމަތްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމްޑީޕީން އަބަދުވެސް އިސްކަންދެނީ އިސްރަށްވެހިންގެ ކަރާމާތާއި ދުޅަހެޔޮކަމަށް،" މާރިޔާ ވިދާޅުވިއެވެ.

މާޒީގެ ހިތްދަތި ހަނދާންތަކަށް ބަލާއިރު، 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ގައި ރާއްޖެއަށް ކުރިމަތިވި ސިޔާސީ ހަލަބޮލިކަމުގެ އަސަރު އައްޑޫގެ ރައްޔިތުންނަށްވެސް ވަރަށް ބޮޑަށް ކުރިކަން މާރިޔާ ފާހަގަކުރެއްވިއެވެ.

ނަމަވެސް އޭނާ ވިދާޅުވީ ޕާޓީގެ މިހާރުގެ އަމާޒަކީ މާޒީގައި ތިބުމުގެ ބަދަލުގައި، ގައުމުގެ މުސްތަގުބަލަށްޓަކައި ކުރިއަށް ދިއުން ކަމަށެވެ.

މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން މާރިޔާ ކަންބޮޑުވުން ފާޅުކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް ސަރުކާރަށް އޮތް ނަމަވެސް، ރައްޔިތުންގެ އަޑު ހަނިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެއެވެ.

އޭނާ ވިދާޅުވީ ޑިމޮކްރެޓިކް ނިޒާމެއްގައި ރައްޔިތުންގެ ބަސް އިއްވުމުގެ ފުރުސަތު އޮންނަންޖެހޭނެ ކަމަށާއި، ބާރުތައް އެއްކުރުމުގެ ބަދަލުގައި ހަމަހަމަކަން ގާއިމުކުރުމަކީ ގައުމުގެ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު