ބޮލީވުޑްގެ މަޝްހޫރު ފިލްމް އުފެއްދުންތެރިޔާ ކަރަން ޖޯހަރް، މިހާރު ހިންދީ ސިނަމާގައި އޮތް "ހައިޕާ-މާސްކިއުލިން" ނުވަތަ ފިރިހެންވަންތަކަން އިންތިހާއަށް ދައްކުވައިދޭ ފިލްމުތައް އުފެއްދުމުގެ ފޯރިއަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

"ދަ ވީކް" އަށް ދިން އިންޓަވިއުއެއްގައި ކަރަން ބުނީ، މިހާރު ބޮލީވުޑްގައި ބޮޑު "އަލްފާ" އެނާޖީ އާއި ޓެސްޓޮސްޓެރޯން ގަދަ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ފިލްމުތައް އުފެއްދުމުގެ ރޫހެއް އާލާވެފައިވާ ކަމަށެވެ. މިފަދަ ފިލްމުތަކުގައި ފިރިހެން ކެރެކްޓަރުތައް ފަރުމާކޮށްފައި ހުންނަނީ ހަމައެކަނި ރުޅިވެރިކަމާއި، ބާރުގަދަކަމާއި، އަދި "ސްލޯ މޯޝަން" ގައި ހިނގާފައި އަންނަ މަންޒަރުތަކެއްގެ މައްޗަށެވެ.

ކަރަން ފާހަގަކުރި ގޮތުގައި، ބޮލީވުޑްގެ އިންޑަސްޓްރީއަކީ ބޮކްސް އޮފީހުގައި ކާމިޔާބުވާ ކޮންމެ ކަމެއް ކޮޕީކުރަން އުޅޭ ތަނެކެވެ. "އެއްވައްތަރެއްގެ ފިލްމެއް ހިނގައިފިނަމަ، އެއާ ވައްތަރު ދިހަ ފިލްމު އުފައްދާނެ. އެހެންވެ މިހާރު ފެންނަނީ ވަކި މިސްރާބެއް ނެތި ސްލޯ މޯޝަންގައި ހިނގާފައި އަންނަ، ތުނބުޅި ބަހައްޓައިގެން ސިނގިރޭޓް ބޯ ފިރިހެނުން ފެންނަ ފިލްމުތައް. ފިރިހެނުން ހީކުރަނީ އަންހެނުން ބަލަން ބޭނުންވަނީ އެކަހަލަ މަންޒަރުތައް ކަމަށް،" ކަރަން ބުންޏެވެ.

މިދިޔަ އަހަރު އޭނާ ޑައިރެކްޓްކުރި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގައި ރަންވީރު ސިންގް އާއި ތޯޓާ ރޯއި ޗައުދަރީ ކަތަކް ނެށުމެއް ހުށަހަޅައިދިން މަންޒަރަށް އަމާޒުވި ފާޑުކިޔުންތަކަށް ވެސް ކަރަން ވަނީ ރައްދު ދީފައެވެ. އެ މަންޒަރަކީ ފިރިހެންވަންތަކަމާ މެދު މުޖުތަމައުގައި ގެންގުޅޭ ހަނި ވިސްނުންތަކަށް ގޮންޖަހާލުމަށް އޭނާ ހިމެނި މަންޒަރެއް ނަމަވެސް، ބައެއް މީހުން ވަނީ ފިރިހެނަކު އެގޮތަށް ކްލެސިކަލް ނެށުމެއް ނެށުމުން ސުވާލު އުފައްދާފައެވެ.

ކަރަން އިތުރަށް ބުނީ، އޭނާއަކީ "ބޯން ފެމިނިސްޓެއް" ކަމަށާއި، އޭނާ ބޮޑުވީ ވަރުގަދަ އަންހެނެއްގެ ގާތުގައި ކަމަށެވެ. އެހެންކަމުން، ބާޒާރުގައި އޮތް ޓްރެންޑަކަށް ބަލައިގެން ފިލް

މު އުފެއްދުމުގެ ބަދަލުގައި، އޭނާ ދެމިހުންނާނީ އޭނާ ގަބޫލުކުރާ އުސޫލުތަކާއި ހަމަތަކުގެ މަތީގައި ވާހަކަ ކިޔައިދިނުމުގައި ކަމަށް އޭނާ ބުންޏެވެ.

ކަރަން ޖޯހަރް އެންމެ ފަހުން ޕްރޮޑިއުސްކުރި ކާތިކް އާރްޔަން އާއި އަނަންޔާ ޕާންޑޭގެ ފިލްމު "ތޫ މޭރީ މޭ މޭރާ" އަށް ބޮކްސް އޮފީހުގައި ލިބުނީ އާދައިގެ ތަރުހީބެކެވެ. ނަމަވެސް، އޭނާގެ ކުރިއަށް ހުރި މަޝްރޫއުތަކުގެ ތެރޭގައި ލަކްޝްޔާ ލަލްވާނީ އާއި އަނަންޔާ ޕާންޑޭ ހިމެނޭ "ޗާންދް މޭރާ ދިލް" އަދި ކާތިކް އާރްޔަންގެ "ނާގްޒިލާ" ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު