އަންނަ ޖޫން މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަންގައި ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީ އެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާން ކާމިޔާބު ކުރައްވައިފިއެވެ.

ފޯރިގަދަ ވާދަވެރިކަމެއް ފެނިގެންދިޔަ މި ޕްރައިމަރީގައި ސިނާންއާ ވާދަކުރެއްވީ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އެވެ. މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ސިނާން ވަނީ ޖުމްލަ 226 ވޯޓު ހޯއްދަވާފައެވެ. ސައީދަށް ލިބިވަޑައިގަތީ 199 ވޯޓެވެ.

މި ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ޖުމްލަ 727 މީހަކަށް ލިބިފައިވާއިރު، ވޯޓުލުން ކުރިއަށްދިޔައީ އައްޑޫ ސިޓީ ހިތަދޫގެ އިތުރުން މާލޭގައެވެ. މާލޭގައި ބެހެއްޓި ވޯޓުފޮށިން ސިނާން 59 ވޯޓު ހޯއްދެވިއިރު، ސައީދަށް އެ ފޮށިން ލިބިވަޑައިގަތީ 37 ވޯޓެވެ. އަދި ހިތަދޫގައި ބެހެއްޓި ވޯޓުފޮށިން ސިނާން 167 ވޯޓު ހޯއްދެވިއިރު، ސައީދަށް އެ ފޮށިން ލިބިވަޑައިގަތީ 150 ވޯޓެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެމްބަރުކަމުގައި ހުންނެވި ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް މި މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ދާއިރާގެ ބައި އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ނިންމަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު