އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ޕްރޮސްޓޭޓް ކެންސަރު ޖެހިވަޑައިގެން ފަރުވާ ހޯއްދަވާފައިވާކަން ހާމަކުރައްވައިފިއެވެ.

ވޮޝިންޓަން ޕޯސްޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ނަތަންޔާހޫ މިކަން ސިއްރުކުރެއްވީ އީރާނާއެކު ހިނގަމުންދިޔަ ހަނގުރާމައިގެ ދަނޑިވަޅުގައި، އޭނާގެ ސިއްހީ ހާލަތާ ގުޅޭގޮތުން އީރާނުން ދޮގު ޕްރޮޕެގަންޑާ ފެތުރުމުގެ ފުރުސަތު ނުދިނުމަށެވެ.

ނަތަންޔާހޫ ވިދާޅުވި ގޮތުގައި، އޭނާގެ އަހަރީ މެޑިކަލް ރިޕޯޓް އާންމުކުރުން ދެ މަސްދުވަހަށް ލަސްކުރީ ގައުމީ ސަލާމަތަށްޓަކައެވެ.

​މިކަމާ ގުޅޭގޮތުން ޑޮކްޓަރުން ބުނެފައިވަނީ، ނަތަންޔާހޫގެ ގައިން ފެނުނީ ކެންސަރުގެ ވަރަށް ކުރީކޮޅުގެ އަލާމާތްތަކެއް ކަމަށާއި، އެއީ އެއް ސެންޓިމީޓަރަށްވުރެ ކުޑަ ޓިއުމަރެއް ކަމަށެވެ.

ގުދުސްގެ ހަދައްސާ މެޑިކަލް ސެންޓަރުގައި ދެ މަސްދުވަސް ކުރިން ދިން ރޭޑިއޭޝަން ތެރަޕީއަށްފަހު، މިހާރު އޭނާގެ ހަށިގަނޑުން ކެންސަރުގެ އެއްވެސް އަސަރެއް ފެންނަން ނެތް ކަމަށް ޑޮކްޓަރުން ވަނީ ޔަގީންކޮށްދީފައެވެ. ނަތަންޔާހޫ މިހާރު ހުންނެވީ ފުރިހަމަ ސިއްހަތެއްގައި ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

​ނަތަންޔާހޫގެ ސިއްހީ ހާލަތާ ބެހޭގޮތުން މީގެ ކުރިންވެސް ތަފާތު އަޑުތައް ވަނީ ފެތުރިފައެވެ. ހާއްސަކޮށް އީރާނާއެކު ހަނގުރާމަ އެންމެ ގަދަވި ދުވަސްވަރު، އޭނާ މަރުވެއްޖެ ކަމަށް ބުނެ އީރާނުގެ މީޑިއާތަކުން ޚަބަރު ފެތުރިއެވެ.

މީގެ ކުރިން 2023 ވަނަ އަހަރު އޭނާގެ ހިތުގެ މައްސަލައަކަށް ޕޭސްމޭކަރެއް ލައްވާފައިވާއިރު، 2024 ވަނަ އަހަރުގެ ފަހުކޮޅު ޕްރޮސްޓޭޓް ބޮޑުވުމުގެ ސަބަބުން ސާޖަރީއެއްވެސް ވަނީ ކުރައްވާފައެވެ. އިސްރާއީލުގެ އިދިކޮޅު ފަރާތްތަކުން ދަނީ ބޮޑުވަޒީރުގެ ސިއްހީ މައުލޫމާތު ސިއްރުކުރި މައްސަލައިގައި ފާޑުކިޔަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު