ފޮޓޯ: ބީއެމްއެލް
ފޮޓޯ: ބީއެމްއެލް
ރާއްޖޭގެ އިޤްތިޞާދުގެ މައިބަދަ ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމިއްލަ ބޯހިޔާވަހިކަން ހޯދައިދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޚާއްޞަ ހޯމް ފައިނޭންސިންގ ފެސިލިޓީއެއް މިއަދު ތަޢާރަފުކޮށްފިއެވެ.

މި ފެސިލިޓީއަކީ ޑޮލަރުން އާމްދަނީ ލިބޭ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ތަޢާރަފުކުރި ފުރުޞަތެކެވެ. އަހަރަކު 7.5 އިންސައްތައިގެ ކުޑަ ފައިނޭންސިންގ ރޭޓަކާއެކު ތަޢާރަފުކުރި މި ފެސިލިޓީއަކީ، ސަރުކާރުން ހިންގާ ހިޔާވަހި ފައިނޭންސް ސްކީމް ފިޔަވައި، ރާއްޖޭގެ ބޭންކަކުން ބޯހިޔާވަހިކަމަށް ދޫކުރާ އެންމެ ކުޑަ ރޭޓެވެ. މީގެ ސަބަބުން ރާއްޖޭގެ ކޮންމެ ސަރަޙައްދަކުންވެސް އަމިއްލަ ބޯހިޔާވަހިކަމެއް ބިނާކުރުމަށް ނުވަތަ ގަތުމަށް ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

މި އައު ފެސިލިޓީއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިޤްތިޞާދުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ހޮޓާތަކުގެ އިތުރުން ސަފާރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފަސޭހަކަމާއެކު ފައިނޭންސިންގ ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ކަމަށެވެ.

"ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައިބަދަ ކަމަށްވާއިރު، މިއީ އެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި އެމީހުންގެ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަކޮށްދޭކަމެއް،" މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

މި ފައިނޭންސިންގ ފެސިލިޓީއަށް އެދި ހުށަހެޅޭނީ ފަތުރުވެރިކަމުގެ ދާއިރާގެ އެކި މުއައްސަސާތަކުގައި މަސައްކަތްކުރާ ޑޮލަރުން މުސާރަ ލިބޭ ދިވެހި މުވައްޒަފުންނަށެވެ. މި ފެސިލިޓީ ދޫކުރުމުގައި އާމްދަނީ ވަޒަންކުރާއިރު، އަސާސީ މުސާރައިގެ އިތުރުން ސަރވިސް ޗާޖުގެ ގޮތުގައި ލިބޭ އަދަދަށްވެސް ބޭންކުން ބަލާނެއެވެ. ނަމަވެސް ޝަރުތަކީ މި އާމްދަނީއަކީ ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާވާ ފައިސާއަށް ވުމެވެ.

އިސްލާމިކް ބޭންކިންގ އިޚްތިޔާރުކުރަން ބޭނުންވާ ފަރާތްތަކަށް ބީއެމްއެލް އިސްލާމިކް މެދުވެރިކޮށްވެސް މި ފެސިލިޓީ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މިއީ ޝަރުތުހަމަވާ ހުރިހާ ކަސްޓަމަރުންނަށް އެ ފަރާތަކުން ބޭނުންވާ ފައިނޭންސިންގ އުސޫލެއްގެ ތެރެއިން މި ފުރުޞަތު ފޯރުކޮށްދިނުމަށް ބޭންކުން ނިންމި ނިންމުމެކެވެ.

މި ފެސިލިޓީއަށް އެދި ހުށަހަޅަން ބޭނުންވާ ކަސްޓަމަރުންނަށް ބީއެމްއެލް މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ހުށަހެޅޭނެއެވެ. އަދި މިކަމާ ގުޅޭ އިތުރު ތަފްސީލީ މަޢުލޫމާތު ބޭންކުގެ ރަސްމީ ވެބްސައިޓް އިން ލިބެން ހުންނާނެ ކަމަށް ބޭންކުން މަޢުލޫމާތު ދެއެވެ.



ކިޔުންތެރިންގެ ހިޔާލު