އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޝިޔާމް
އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޝިޔާމް
ފުލުހުންގެ ވަޒީފާއިން މީގެ 12 އަހަރު ކުރިން ވަކިކުރި އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމަށް ވަޒީފާ އަނބުރާ ދިނުމާއެކު، އެ މުއްދަތުގެ މުސާރައާއި އިނާޔަތްތައް ދިނުމަށް ހައިކޯޓުން ކުރި ހުކުމުގެ މުސާރައިގެ ބައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ދައުލަތުން ނިންމައިފިއެވެ.

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި މެއި 2014 ގައި ޝިޔާމް ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް މީގެކުރިން ސިވިލް ކޯޓުން ވަނީ ނިންމާފައެވެ. ނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ އެ ހުކުމް ބާތިލުކޮށްފައެވެ. ހައިކޯޓުގެ ހުކުމުގައިވަނީ ޝިޔާމަށް އަލުން ވަޒީފާ ދިނުމަށާއި، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް އެއްކޮށް ދިނުމަށް އަމުރުކޮށްފައެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބުނީ، 12 އަހަރުގެ މުސާރަ ދޭން ހައިކޯޓުން އެންގި އެންގުމަކީ ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކާ ޚިލާފު ކަމެއް ކަމަށެވެ. ސުޕްރީމް ކޯޓުގެ އުސޫލުތައް ބުނާގޮތުން، ވަޒީފާ އަނބުރާ ދޭ ހާލަތެއްގައި މުސާރައިގެ ގޮތުގައި އެންމެ ގިނަވެގެން ނަގައިދެވޭނީ ހަ މަސް ދުވަހުގެ މުސާރައާއި އިނާޔަތެވެ. އަދި ވަޒީފާ އަނބުރާ ނުދޭ ހާލަތެއްގައި ނަގައިދެވޭނީ އެއް އަހަރުގެ މުސާރައާއި އިނާޔަތެވެ. އެހެންކަމުން، ހައިކޯޓުގެ ހުކުމުގެ މުސާރައިގެ ބައި އިސްތިއުނާފު ކުރަން ނިންމީ ކަމަށް އޭޖީ އޮފީހުން ބުނެފައިވެއެވެ.

ޕޮލިސް މީޑިއާގައި ކުރިން މަސައްކަތް ކުރެއްވި ޝިޔާމް، ފުލުހުންގެ ވަޒީފާއިން ވަކިކުރީ 2014 ވަނަ އަހަރުގެ މެއި މަހުގައެވެ. ވަޒީފާއިން ވަކިކުރިއިރު އޭނާ ހުންނެވީ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރުގެ މަގާމުގައެވެ. އޭނާ ވަޒީފާއިން ވަކިކުރީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން އަމަލުތަކެއް ހިންގިކަމުގެ ތުހުމަތުގައެވެ.

ހައިކޯޓުގައި މި މައްސަލަ ހަ އަހަރަށްވުރެ ގިނަ ދުވަހު ހިންގުމަށްފަހު، ކުރި ހުކުމުގައި ބުނެފައިވަނީ ޝިޔާމް ވަޒީފާއިން ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމިއިރު، އެ ނިންމުމަށް ރިއާޔަތްކުރި ހެއްކަކީ ކޮބައިކަން އެނގޭނެ ހެއްކެއް ދައުލަތަށް ކޯޓަށް ހުށަހެޅިފައެއް ނުވެއެވެ. އަދި އެ ބޯޑުން އެކަށީގެންވާ މިންވަރުގެ ތަހުގީގެއް ކޮށްފައިވާކަންވެސް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ހުކުމުގައިވެއެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި މި ހުކުމުގައި ވަނީ، ޝިޔާމަށް އަލުން ވަޒީފާ ދިނުމަށާއި، އޭނާ ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އަލުން ވަޒީފާ ލިބުމާ ހަމައަށް ލިބެންޖެހޭ ހުރިހާ މުސާރައާއި އިނާޔަތްތައް ދިނުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްފައެވެ. މި މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ، ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ.

ފުލުހުންގެ ވަޒީފާއިން ވަކިކުރި ފަހުން ޝިޔާމް އުޅުއްވީ ވިޔަފާރީގެ ދާއިރާގައެވެ. އޭނާއަކީ މާލޭގެ މަޝްހޫރު ބައެއް ރެސްޓޯރެންޓްތައް ހިންގުމުގައި އިސްކޮށް އުޅުއްވާ ވިޔަފާރިވެރިއެކެވެ. މީގެ އިތުރުން ފަހަކަށް އައިސް އޭނާ ވަނީ ކުޅިވަރު ހިންގުމުގެ ދާއިރާއިންވެސް ފެނިފައެވެ.

ޝިޔާމްގެ ވަޒީފާ އިޔާދަކުރުމާމެދު ފުލުހުންގެ އިދާރާއިން އަދި ވަކި ގޮތެއް ނިންމާފައި ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު