ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ، ކްރިޕްޓޯކަރަންސީ ބޭނުންކޮށްގެން ވިޔަފާރީގެ އުސޫލުން ވިއްކަމުންދާ ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ތ. ވިލުފުށީ، މޫނިމާގެ، އުމުރުން 22 އަހަރުގެ އާދަމް އަދްލާން ލަތީފެވެ.

ފުލުހުން ބުނީ، އަދްލާން ހައްޔަރުކުރީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްރިޕްޓޯ އެކްސްޗޭންޖް ކަމަށްވާ 'ބައިނޭންސް' ވޮލެޓެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ގަނެވިއްކާ ކަމުގެ މައުލޫމާތު ލިބިގެން ހިންގި ހާއްސަ ތަހުގީގެއްގެ ތެރެއިން ކަމަށެވެ. ފުލުހުންގެ ތަހުގީގަށް މިހާތަނަށް ފާހަގަކުރެވިފައިވާ ގޮތުގައި، އެ ވޮލެޓުން އާދަމް އަދްލާން ލަތީފްގެ ކްރިޕްޓޯ އެކައުންޓަށް ފައިސާ ފޮނުވާފައިވާކަން ވަނީ ކަށަވަރު ކުރެވިފައެވެ.

މީގެ އިތުރުން، އޭނާ ހައްޔަރުކުރި އިރު ހިފެހެއްޓި އޭނާގެ ފޯނާއި އެހެނިހެން ވަސީލަތްތަކުން ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ގިނަ އަދަދެއްގެ ފޮޓޯއާއި ވީޑިއޯ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ސީދާ ޖިންސީ ގޯނާކުރާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ވެސް ހިމެނޭކަން ފުލުހުން ހާމަކޮށްފައިވެއެވެ.

އަދްލާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 5 ވަނަ ދުވަހު ކަމުން، މި މުއްދަތު މާދަމައަށް ހަމަވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު