ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓު
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ފަދަ އެއްވެސް ފިޔަވަޅެއް ދައުލަތުން ނޭޅުމަށް އެދި ހުށަހެޅި ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ.

މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން، ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައެކެވެ. މި މައްސަލައިގެ އަޑުއެހުންތައް މިހާރު ނިންމާލާފައިވާއިރު، އަލީ ހުސައިންގެ ފަރާތުން އެދިފައިވަނީ މައްސަލައިގައި ހުކުމެއް ކުރަންދެން، މެމްބަރެއްގެ ގޮނޑި ގެއްލޭ ފަދަ އެއްވެސް ކަމެއް ނުކުރުމުގެ ވަގުތީ އަމުރަކަށެވެ.

މީގެ އިތުރުން، މި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މެދު އެއްވެސް ފިޔަވަޅެއް ނޭޅުމުގެ އަމުރަކަށް ވެސް އަލީ ހުސައިންގެ ފަރާތުން އެދިފައިވެއެވެ. ވަގުތީ އަމުރާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައި ބަޔާންކޮށްފައިވަނީ، ގޮނޑި ގެއްލޭ ފަދަ ފިޔަވަޅެއް ނާޅަން އަމުރެއް ނެރެފިނަމަ، އެއީ މައްސަލައިގެ އަސްލު މައުޟޫއަށް އަސަރު ކުރާނެ ކަމެއް ކަމަށް ވާތީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

ފަނޑިޔާރުންނާ މެދު ފިޔަވަޅު ނާޅަން އެދުނު އަމުރާ ގުޅޭގޮތުން ކޯޓުން ބުނީ، އެފަދަ އަމުރެއް ނެރުމަކީ ފަނޑިޔާރުންގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަމެއްގައި ފަނޑިޔާރުން އަމިއްލައަށް ގޮތެއް ނިންމުން މަނާކުރާ އުސޫލާ ހިލާފު ކަމެއް ކަމަށެވެ. އެހެންކަމުން އެ އަމުރު ވެސް ނެރެދެވެން ނެތް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މި މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ ހިމެނިވަޑައިގަންނަވާ ގޮތަށް، އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. މި މައްސަލައިގެ ހުކުމް ކުރުން ވަރަށް އަވަހަށް އޮންނާނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު