އައްލޫ އަރްޖުން
އައްލޫ އަރްޖުން
ތެލަގޫ ސިނަމާގެ މަޝްހޫރު ތަރި އައްލޫ އަރުޖުން، އޭނާގެ އަމިއްލަ ވަންތަކަމުގެ ހައްގުތައް ނުވަތަ "ޕާސަނަލިޓީ ރައިޓްސް" ހިމާޔަތްކުރުމަށް އެދި ދިއްލީ ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އޭނާ ކޯޓަށް މި މައްސަލަ ހުށަހެޅީ އޭނާގެ ހުއްދައަކާ ނުލައި، އޭނާގެ ނަމާއި، ފޮޓޯ އަދި އަޑު ފަދަ އަމިއްލަ ސިފަތައް އެކި ކަންކަމުގައި ބޭނުން ކުރަމުންދާތީ އެކަން ހުއްޓުވުމަށެވެ.

އައްލޫ އަރުޖުން ހުށަހެޅި މި މައްސަލައިގައި ވަނީ، އޭނާގެ ހުއްދައެއް ނެތި ވިޔަފާރީގެ މަންފާއަށްޓަކައި އޭނާގެ ސިފަތައް ބޭނުންކޮށްގެން މުދާ އުފައްދައި ވިއްކުން ހުއްޓުވުމަށް އެދިފައެވެ. މި މައްސަލައިގެ އަޑުއެހުމެއް ހުކުރު ދުވަހުގެ ވަގުތެއްގައި ކުރިއަށް ގެންދިޔަ ކަމަށް ރިޕޯޓުތަކުގައި ވެއެވެ.

ފަހަކަށް އައިސް އިންޑިއާގެ ގިނަ ފަންނާނުންތަކެއް ދަނީ އެމީހުންގެ އަމިއްލަ ވަންތަކަމުގެ ހައްގުތައް ހިމާޔަތްކުރުމަށް ކޯޓުތަކުގެ އެހީތެރިކަން ހޯދަމުންނެވެ. އެގޮތުން ދާދި ފަހުން މަޝްހޫރު އެކްޓަރު ކާތިކް އާރްޔަންގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް އާންމުކޮށްފައިވާ ކޮންޓެންޓްތައް ނެގުމަށް ބޮމްބޭ ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.

ޕާސަނަލިޓީ ރައިޓްސް ނުވަތަ އަމިއްލަ ވަންތަކަމުގެ ހައްގަކީ، މީހެއްގެ އަމިއްލަ ވަނަވަރާއި ސިފަތައް ވިޔަފާރީގެ ގޮތުންނާއި އާންމުކޮށް ބޭނުންކުރުން ކޮންޓްރޯލް ކުރުމުގެ ގާނޫނީ ބާރެވެ. މީގެ ތެރޭގައި މީހެއްގެ ނަމާއި، ފޮޓޯ، އަޑު، ސޮއި، އަދި އެ މީހަކަށް ހާއްސަވެފައިވާ ބަސްމަގު ނުވަތަ "ކެޗްފްރޭޒް" ތައް އެ މީހެއްގެ ހުއްދަނެތި ބޭނުންކުރުން މަނާކުރެއެވެ.

މި ހައްގުތައް މައިގަނޑު ދެ ބަޔަކަށް ބެހިގެންވެއެވެ. އެއީ "ރައިޓް އޮފް ޕަބްލިސިޓީ" އާއި "ރައިޓް އޮފް ޕްރައިވެސީ" އެވެ. ރައިޓް އޮފް ޕަބްލިސިޓީއަކީ މަޝްހޫރު މީހެއްގެ މޫނު އިޝްތިހާރު ފަދަ ކަންކަމުގައި ހުއްދަނެތި ބޭނުންކޮށްގެން ވިޔަފާރީގެ މަންފާ ހޯދުން ހުއްޓުވުމެވެ. އަދި ރައިޓް އޮފް ޕްރައިވެސީއަކީ ޑީޕްފޭކް، ފޮޓޯ އޮޅުވާލުން، އަދި މީހެއްގެ އަބުރަށް އުނިކަން އަންނަ ގޮތަށް ހަދާފައިވާ ތަކެތި ބޭނުންކުރުމުން ރައްކާތެރިކޮށްދޭ ހައްގެކެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު، އައްލޫ އަރުޖުން ދެން އެންމެ އަވަހަށް ފެންނާނީ "ރާކާ" އިންނެވެ. މި ފިލްމުގައި އޭނާއާއެކު ދީޕިކާ ޕަޑުކޯން އަދި ރަޝްމިކާ މަންދަންނާ މުހިންމު ރޯލުތަކުން ފެންނާނެއެވެ. މީގެ އިތުރުން މުރްނާލް ތާކޫރު އަދި ޖާންވީ ކަޕޫރު ވެސް މި ފިލްމުގެ ހާއްސަ ރޯލުތަކުން ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު