ފިލްމު އުފައްދާ ގިނަ ބަޔަކު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ އެމީހުންގެ ވަޒީފާއަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދެކުނު ކަމުގައިވިޔަސް، އިންޑިއާގައި މިހާރު ފެށިފައިވަނީ މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ބޮލީވުޑްގެ ފުރަތަމަ ކާމިޔާބު ފިލްމު އުފެއްދުމުގެ ވާދަވެރިކަމެކެވެ.

މިގޮތުން، 2014 ވަނަ އަހަރު ޚުޝްވަންތު ސިންގް ލިޔުނު މަޝްހޫރު ނޮވެލްއެއްގެ މައްޗަށް ބިނާކޮށް އުފައްދާ "މަހާރާޖާ އިން ޑެނިމްސް" އަކީ މި ރޭހުގައި ހިމެނޭ ފާހަގަކޮށްލެވޭ އެއް ފިލްމެވެ. މި ފިލްމު މިއަހަރުގެ ހޫނު މޫސުމުގައި ސިނަމާތަކަށް ނެރުމަށް ވަނީ ތައްޔާރުވެފައެވެ.

އޭއެފްޕީ އަށް މަޢުލޫމާތު ދެމުން ސިންގް ބުނި ގޮތުގައި، މިފަދަ ފިލްމުތަކުގައި އެކްޓަރުންނަށް ދޭންޖެހޭ ފީއެއް ނޯވެއެވެ. އަދި އެކްޓަރުން ގަޑިއަށް ނައުމާއި، ފިލްމު ކުޅޭ ސެޓުތަކުގެ ސަބަބުން ކުރިމަތިވާ އެއްވެސް ދަތިކަމެއް މި މަސައްކަތަކު ނޯވެއެވެ. "މިއީ ހަމައެކަނި އިންސާނާގެ ސިކުނޑީގެ އުފެއްދުންތެރިކަމާއި މެޝިނުގެ ބާރު ގުޅިގެން ކުރާ މަސައްކަތެއް،" މައިކްރޯސޮފްޓްގެ ކުރީގެ އެގްޒެކެޓިވްއަކާ ގުޅިގެން 'އިންޓެލިފްލިކްސް ސްޓޫޑިއޯސް' އުފެއްދި ސިންގް ކިޔައިދިނެވެ.

އަހަރަކު 2،000 އަށްވުރެ ގިނަ ފިލްމު އުފައްދާ އިންޑިއާގެ ފިލްމީ ސިނާޢަތުން ވަނީ އޭއައި ޓެކްނޮލޮޖީއަށް މަރުޙަބާ ކިޔާފައެވެ. މިއީ ހޮލީވުޑާ މުޅިން ތަފާތު ގޮތެކެވެ. ހޮލީވުޑްގައި އޭއައި ބޭނުންކުރުމާ ގުޅިގެން ބޮޑެތި މުޒާހަރާތަކެއް ކޮށް، އެކަމާ ގުޅޭ ހަރުކަށި އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ.

އިންޑިއާގެ އެހެން ބައެއް މަޝްރޫޢުތަކަށް ބަލާއިރު، "ޗިރަންޖީވީ ހަނޫމާން: ދަ އިޓަރނަލް" އަދި ކަންނަޑާ ބަހުން އުފައްދާ "ލަވް ޔޫ" އަކީ ވެސް އޭއައި ބޭނުންކޮށްގެން އުފައްދާ ފާހަގަކޮށްލެވޭ ފިލްމުތަކެވެ. އެހެންނަމަވެސް، "ނައިޝާ" ނަމަކަށް ކިޔާ ފިލްމެއް، ދިމާވި ޓެކްނިކަލް މައްސަލަތަކަކާ ހުރެ 2025 ވަނަ އަހަރުގެ މެއި މަހަށް ވަނީ ފަސްކޮށްފައެވެ.

"މަހާރާޖާ އިން ޑެނިމްސް" އަކީ 1984 ވަނަ އަހަރު ޕަންޖާބުގައި ހިނގި ސިކުންނާ ދެކޮޅު ހަމަނުޖެހުންތަކުގެ ޝިކާރައަކަށްވި ކުއްޖެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. އޭއައި ޓެކްނޮލޮޖީއަށް އަންނަ ހަލުވި ބަދަލުތަކުގެ ސަބަބުން މި ފިލްމު ނިންމުން ވެސް ވަނީ އެކި ފަހަރު މަތިން ލަސްވެފައެވެ. "އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރަން ބޭނުންވާތީ، ކުރިން ތައްޔާރުކުރި ބައިތައް މިހާރު އެހާ ފުރިހަމައެއް ނޫން. އެކަމަކު މި ބަދަލުތަކުގެ ސަބަބުން ޚަރަދު ވެސް ވަރަށް ބޮޑުވޭ،" ސިންގް ފާހަގަކުރިއެވެ.

މި ފިލްމު އުފެއްދުމަށްޓަކައި ސިންގް އާއި ގުރްދީޕް ސިންގް ޕާލް ވަނީ ހަ މީހުންގެ ޓީމެއް އެކުލަވާލާފައެވެ. ފިލްމުގެ ވާހަކަ ބިނާވެފައިވަނީ 19 ވަނަ ގަރުނުގެ ސިކު ރަސްކަލެއް ކަމަށްވާ މަހާރާޖާ ރަންޖީތު ސިންގްގެ އަލުން ދުނިޔެއަށް އައުން (ރިއިންކާނޭޝަން) ކަމަށް ޤަބޫލުކުރާ ކުއްޖެއްގެ މައްޗަށެވެ. މިފަދަ ތާރީޚީ މަންޒަރުތަކެއް އާދައިގެ ގޮތަކަށް ފިލްމުކުރާނަމަ ބޮޑު ބަޖެޓެއް ބޭނުންވާނެ ނަމަވެސް، އޭއައިގެ ސަބަބުން ޚަރަދު ދިހަބައިކުޅަ އެއްބަޔަށް ކުޑަވެގެން ދިޔަ ކަމަށް ސިންގް ބުންޏެވެ.



އޭއައި މޮޑެލްތައް ބޮޑަށް ބިނާވެފައިވަނީ ހުޅަނގުގެ ސިފަތަކަށް ކަމަށްވާތީ، އިންޑިއާ މީހުންގެ ސިފަތަކާއި ތާރީޚީ ޝަޚްޞިއްޔަތުތައް އުފެއްދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް އޭނާ ފާހަގަކުރިއެވެ. "މި ގޮންޖެހުންތައް ކުރިން އެނގުނުނަމަ، އަހަރެމެން އިޚްތިޔާރު ކުރާނީ މިއަށްވުރެ ފަސޭހަ ވާހަކައެއް،" އޭނާ ބުންޏެވެ.

މި ފިލްމުގައި އިންސާނީވަންތަކަން ދެމެހެއްޓުމަށްޓަކައި، މިއުޒިކް ތައްޔާރުކޮށްފައިވަނީ އާދައިގެ ގޮތަށެވެ. މިގޮތުން ފިލްމުގެ ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ސުޚްވިންދަރު ސިންގް އެވެ.

ސިންގް ގަބޫލުކުރާ ގޮތުގައި އޭއައިގެ ސަބަބުން ފިލްމީ ދާއިރާއަށް ބޮޑު އިންގިލާބެއް އަންނާނެއެވެ. އަދި މި ޓެކްނޮލޮޖީގެ ސަބަބުން ކޮންމެ ތަނެއްގައި ކޮންމެ ޤައުނެއް ގައި އުޅުނަސް ބޮޑެތި ސްޓޫޑިއޯތަކާ ވާދަކޮށް ފިލްމު އުފެއްދުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު