ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ކްލައިމެޓް ވަލްނެރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގެ ދައުރު ފުރިހަމަކުރެއްވުމަށްފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު މެންދުރުފަހުގެ ވަގުތެއްގައި އެނބުރި ދިވެހިރާއްޖެ ވަޑައިގެންފިއެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމުގެ ކުރިން، ރޭގެ ވަގުތެއްގައި އެމަނިކުފާނުގެ ނުރަސްމީ އެކްސް އެކައުންޓުން ވަނީ "ހުރިހާ ބޭފުޅުން ވެސް އެނބުރި ހާއްޔަށް އަންނަން" ތައްޔާރުވުމަށް ގޮވާލަށްވައި މެސެޖެއް ކުރަށްވާފައެވެ. މީގެ އިތުރުން، އެމްޑީޕީގެ ގައުމީ މަޖިލިސް ގްރޫޕުގައި ވެސް ރައީސް ނަޝީދު ވަނީ ކުރިއަށް އޮތް ތަނުގައި އިދިކޮޅު ހަރަކާތްތައް ވަރުގަދަ ކުރުމުގައި އަމަލީގޮތުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.

ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންފައި މިވަނީ ރާއްޖޭގެ ސިޔާސީ މަޝްރަހު ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. ހާއްސަކޮށް އޭޕްރިލް 4 ގައި ބޭއްވި ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި، ދެ އިންތިހާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ނެގި ފެންނަ ނުފެން ވޯޓުގައި ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. މިއާއެކު އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް އެކި ޑިމާންޑުތައް ކޮށް، ސިލްސިލާ އިހުތިޖާޖުތަކެއް ކުރަމުންނެވެ.

ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ރައީސް ނަޝީދު އައްޔަނުކުރަން ނިންމީ ޑިސެމްބަރު 1، 2023 ގައެވެ. އަދި ޖެނުއަރީ 1، 2024 ގައި އެމަނިކުފާނު އެ މަގާމާ ހަވާލުވެވަޑައިގަތީ ރާއްޖޭގެ ސިޔާސީ ކަންކަމާ ވަގުތީގޮތުން ދުރަށް ޖެހިވަޑައިގަތުމަށް ފަހުއެވެ. ސީވީއެފްއަކީ 2009 ވަނަ އަހަރު ރައީސް ނަޝީދާއި ދިވެހިރާއްޖެ އިސްވެ އޮވެ އުފެއްދި ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލްގެ ޝަރަފު ވެސް ލިބިވަޑައިގެންފައިވަނީ ރައީސް ނަޝީދަށެވެ.

ނުވަ ގައުމަކާއެކު ރާއްޖޭގައި ފެށި މި ޖަމިއްޔާގައި މިހާރު އޭޝިއާ، އެފްރިކާ، ކެރީބިއަން، ލެޓިން އެމެރިކާ އަދި ޕެސިފިކް ސަރަހައްދުގެ 68 ގައުމު ހިމެނެއެވެ.

ރައީސް ނަޝީދު އެ މަގާމުގައި ހުންނަވައިގެން ކުރެއްވި މަސައްކަތްޕުޅުތަކަށް، މިދިޔަ އަންގާރަ ދުވަހު އެމެރިކާގެ ވޮޝިންޓަންގައި ބޭއްވި ސީވީއެފް އަދި ވަލްނަރަބަލް ޓްވެންޓީ (ވީ20) ގެ ގަވާނިން ބޯޑުގެ ބައްދަލުވުމުގައި ބޯޑު މެންބަރުން ވަނީ ވަރަށް ބޮޑަށް ތައުރީފު ކުރަށްވާފައެވެ. ވަކިން ހާއްސަކޮށް، ބައިނަލްއަގުވާމީ މައިދާނުގައި މޫސުމީ ބަދަލުތަކުގެ ނުރައްކާ އޮތް ގައުމުތަކުގެ އަޑު އުފުލުމާއި، މޫސުމީ އިންސާފު ހޯދައިދިނުމަށް އެމަނިކުފާނު ކުރެއްވި ވަކާލާތުތައް މެންބަރުން ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު