ފޮޓޯ: މީސްމީޑިއާ
ފޮޓޯ: މީސްމީޑިއާ
އީރާނުގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ކަނޑުގެ ދަތުރުފަތުރުގެ މުހިންމު މަގެއް ކަމަށްވާ ސްޓްރެއިޓް އޮފް ހޮރްމޫޒް ބަންދުވުމުގެ ސަބަބުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި ނޯވޭއިން ސާފުނުކުރާ ތެޔޮ ބޭރުކުރި މިންވަރު މިދިޔަ މާރިޗު މަހު ރެކޯޑް މިންވަރަކަށް މަތިވެފައިވާ ކަމަށް އެ ގައުމުގެ ތަފާސްހިސާބުތަކާ ބެހޭ އިދާރާއިން ބުދަ ދުވަހު ހާމަކޮށްފިއެވެ.

ރަޝިޔާ ފިޔަވައި ޔޫރަޕްގައި އެންމެ ގިނައިން ތެލާއި ގުދުރަތީ ގޭސް އުފައްދާ ގައުމަކީ ނޯވޭއެވެ. އާންމު ހާލަތްތަކުގައި ދުނިޔޭގައި ބޭނުންކުރާ ސާފުނުކުރާ ތެލާއި ދިޔާކުރި ގުދުރަތީ ގޭސްގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރަނީ ސްޓްރެއިޓް އޮފް ހޮރްމޫޒް މެދުވެރިކޮށެވެ. ނަމަވެސް މި މަގު ބަންދުވުމާ ގުޅިގެން ތެލުގެ ބާޒާރަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ.

މިކަމާ ގުޅޭގޮތުން އެނަލިސްޓް ޔާން އޮލާވް ރޯހޫސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން މާރިޗު މަހު ތެލުގެ އަގު އިންތިހާއަށް އުފުލިގެން ދިޔަ ކަމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން ނޯވޭއިން ތެޔޮ ބޭރުކޮށްގެން ލިބުނު އާމްދަނީ ތާރީޚީ މިންވަރަކަށް އިތުރުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާރިޗު މަހު ނޯވޭއިން 57.4 ބިލިއަން ކްރޯނާ (5.16 ބިލިއަން ޔޫރޯ) ގެ ސާފުނުކުރާ ތެޔޮ ބޭރުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 67.9 އިންސައްތައިގެ ކުރިއެރުމެކެވެ. މާރިޗު މަހު ތެޔޮ ފީފާއެއްގެ އެވްރެޖް އަގު ހުރީ 1,014 ކްރޯނާ (91.14 ޔޫރޯ ނުވަތަ 107.52 ޑޮލަރު) ގައެވެ. މިއީ 2023 ވަނ އަހަރުގެ ސެޕްޓެމްބަރު މަހަށްފަހު ތެލުގެ އަގު މިހާ މަތިވި ފުރަތަމަ ފަހަރެވެ.

މިކަމާ ގުޅޭގޮތުން ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އިނގިރޭސިވިލާތުގެ އެބަރްދީންގެ އިގްތިސާދު މިހާރު އޮންނަންޖެހޭނީ ވަރަށް ބޮޑަށް ކުރިއަރާފައި ކަމަށެވެ. ނަމަވެސް ނޯވޭއިން ދަނީ އެގައުމުގެ ނޯތު ސީ ތެޔޮ އިނގިރޭސިވިލާތަށް ދެގުނަ އަގުގައި ވިއްކައިގެން ބޮޑު މަންފާއެއް ހޯދަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނޯވޭގެ މުއްސަނދިކަމުގެ އަސްލަކީ އެޤައުމުގައި ހުރި ތެލާއި ގޭހުގެ ރިޒާވްތަކެވެ. އެގައުމުން ތެލާއި ގޭހުން ލިބޭ އާމްދަނީ އިންވެސްޓްކުރަނީ ދުނިޔޭގެ އެންމެ ބޮޑު ސޮވެރިން ވެލްތު ފަންޑުގައެވެ. އެ ފަންޑުގެ މިލްކިއްޔާތުގައި ގާތްގަނޑަކަށް 2.19 ޓްރިލިއަން ޑޮލަރު (1.86 ޓްރިލިއަން ޔޫރޯ) ހުރެއެވެ. 1990 ގެ ކުރީކޮޅު މި ފަންޑު އުފެއްދުމުގެ މައިގަނޑު މަގްސަދަކީ، ކުރިމަގުގައި ތެލާއި ގޭހުގެ އާމްދަނީ ދަށަށް ދިޔަ ނަމަވެސް، ނޯވޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމަށް ބޭނުންވާ ޚަރަދުތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމެވެ.



ކިޔުންތެރިންގެ ހިޔާލު