ބްރެޒިލްގެ ރިޔާސީ ކެންޑިޑޭޓް ފްލާވިއޯ ބޮލްސޮނާރޯ
ބްރެޒިލްގެ ރިޔާސީ ކެންޑިޑޭޓް ފްލާވިއޯ ބޮލްސޮނާރޯ
ބްރެޒިލްގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް ފްލާވިއޯ ބޮލްސޮނާރޯ، އެ ގައުމުގެ މިހާރުގެ ރައީސް ލޫލާ ދަ ސިލްވާއަށް ކަނޑައެޅިގެން ދޮގު އިލްޒާމްތަކެއް އެޅުވި ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރުމަށް ބްރެޒިލްގެ ސުޕްރީމް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފިއެވެ.

މި ތަހުގީގު އަމާޒުވެފައިވަނީ މި އަހަރުގެ ޖެނުއަރީ މަހު ފްލާވިއޯ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓްތަކަކަށެވެ. އެ ޕޯސްޓްތަކުގައި އޭނާ ވަނީ ރައީސް ލޫލާއަކީ މަސްތުވާތަކެތީގެ ވިޔަފާރިއާއި، މަނީ ލޯންޑަރިން އަދި ހަތިޔާރުގެ ވަގުފާރި ކުރާ ގްރޫޕްތަކާ ގުޅުން އޮންނަ ބޭފުޅެއް ކަމަށް ދޭހަވާ އިބާރާތްތަކުން ވާހަކަ ދައްކަވާފައެވެ.

ފްލާވިއޯ ބޮލްސޮނާރޯއަކީ ބްރެޒިލްގެ ކުރީގެ ރައީސް ޖައިރް ބޮލްސޮނާރޯގެ ދޮށީ ދަރިކަލުންނެވެ. އޭނާގެ ބައްޕަ ޖައިރް ބޮލްސޮނާރޯ މިހާރު ގެންދަވަނީ ވެރިކަން ފޭރިގަންނަން އުޅުމުގެ ކުށުގައި 27 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ފްލާވިއޯގެ ތަރުޖަމާނު މި ތަހުގީގާ ގުޅޭގޮތުން ބުނީ، މިއީ އޭނާގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަތުން ކަމަށާއި، އޭނާ ހަމައެކަނި ބަޔާންކުރީ ބައިނަލްއަގުވާމީ މައިދާނުގައި ހިނގާފައިވާ ކަންތައްތަކެއްގެ ވާހަކަ ކަމަށެވެ.

ނަމަވެސް ބްރެޒިލްގެ ގާނޫނުތައް ބުނާގޮތުން ދައުލަތުގެ އެންމެ މަތީ ވެރިޔާއަށް ބަދުނާމުވާގޮތަށް ދޮގު މައުލޫމާތު ފެތުރުމަކީ ޖިނާއީ ކުށެކެވެ. ފުލުހުންނަށް މި މައްސަލައިގެ ފުރަތަމަ ރިޕޯޓް ތައްޔާރުކުރުމަށް 60 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ. މި ތަހުގީގު ފެށިފައި މިވަނީ އަންނަ އޮކްޓޯބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ފޯރި ގަދަވެ، ރައީސް ލޫލާއާއި ފްލާވިއޯއާ ދެމެދު އޮތް ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

އެންމެ ފަހުގެ ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާގޮތުގައި، ރައީސް ލޫލާ އުޅުއްވަނީ ކުޑަ ތަފާތަކުން ކުރީގައެވެ. ނަމަވެސް ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ހާލަތެއްގައި ފްލާވިއޯއަށް ކާމިޔާބުވުމުގެ ފުރުސަތު އޮތް ކަމަށް ބައެއް ސާވޭތަކުން ދައްކައެވެ.

ފްލާވިއޯގެ ކެމްޕޭނުގެ މައިގަނޑު އެއް ވައުދަކީ އޭނާގެ ބައްޕަ ޖަލުން މިނިވަން ކުރުމެވެ. މި މައްސަލައާއެކު ބްރެޒިލްގެ ސިޔާސީ މަސްރަހު އިތުރަށް ހޫނުވެގެންދާނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު