މަރްޔަމް ނަހްދާ ވަޙީދު   15 އޭޕްރީލު 2026 - 18:32
މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު، އޭނާ ހުރި ގޮޅިތެރެއަށް ވެއްޓިފައި އޮއްވާ ފެނިގެން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

ބަންދު ގޮޅިތެރެއަށް ވެއްޓިފައި އޮއްވާ ފެނިގެން އޭނާ ވަގުތުން އައިޖީއެމް ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ މ. ރޭއަލިވާގެއާގެ / މާލެ، އުމުރުން 41 އަހަރުގެ އަޙްމަދު ނަވްޝާދު އެވެ.

މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިހާރު ވަނީ މި ހާދިސާގެ މައުލޫމާތު ހިއްސާކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު