ފުލުހުން ޚިދުމަތުގައި
ފުލުހުން ޚިދުމަތުގައި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންނަށް ވެގެން، ފަރިތަކަމާއެކު އިނގިރޭސިބަހުން މުއާމަލާތްކޮށްގެން މީހުންގެ އަތުން ފައިސާ ފޭރުމުގެ އާ އުކުޅުތަކެއް ބޭނުންކުރަމުންދާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ފޭސްބުކް މެދުވެރިކޮށް އާންމުކުރި މައުލޫމާތެއްގައި ބުނެފައިވަނީ، މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުން މިހާރު ކޯލްކުރާއިރު އާންމުންނަށް އޮޅުވާލުމަށްޓަކައި ވަރަށް ފަރިތަކޮށް އިނގިރޭސިބަހުން ވާހަކަދައްކާ ކަމަށެވެ. އަދި ބޭންކުގެ ރަސްމީ އީމެއިލްއާ އެއްގޮތްކުރުމުގެ ގޮތުން އާދައިގެ ޖީމެއިލް އެކައުންޓްތައް ބޭނުންކުރަމުންދާކަން ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ފުލުހުން ބުނީ، މިގޮތަށް ގުޅާ މީހުން ކަސްޓަމަރުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމަށްޓަކައި އެކައުންޓުގައި މައްސަލަތަކެއް އުޅޭކަމަށް ބުނާ ކަމަށެވެ. އަދި ވަގުތުން މައުލޫމާތު ކަށަވަރު ނުކޮށްފިނަމަ އެކައުންޓް ބްލޮކްކޮށްލާނެ ކަމަށް ބުނެ ބިރުދައްކައި، އަވަސްއަރުވާލައިގެން ކަސްޓަމަރުންގެ ޒާތީ ބޭންކިންގ މައުލޫމާތުތައް ހޯދަން މަސައްކަތް ކުރާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެންޓި ސްކޭމް ސެންޓަރުން ވަނީ އާންމުން ސަމާލުވާންޖެހޭ މުހިންމު ކަންތައްތަކެއް ހަނދާން ކޮށްދީފައެވެ. އެގޮތުން އެއްވެސް ބޭންކަކުން ކަސްޓަމަރުންނާ މުއާމަލާތްކުރަން ޖީމެއިލް ފަދަ އާންމު އީމެއިލްތައް ބޭނުންނުކުރާނެ ކަމަށާއި، ފޯނުން ގުޅައިގެން އޯޓީޕީ ނުވަތަ ޕިން ނަންބަރު ފަދަ ސިއްރު މައުލޫމާތެއް ބޭންކުން ނާހާނެ ކަމަށާއި، ގުޅާ މީހަކު ފަރިތަކަމާއެކު އިނގިރޭސިބަހުން ވާހަކަދެއްކި ނަމަވެސް، އެއީ ބޭންކުގެ މުވައްޒަފަކަށް ނުވެދާނެކަން ދެނެގަންނަންޖެހޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.



ސްކޭމް ކޯލުތަކުން ރައްކާތެރިވުމަށްޓަކައި، ޝައްކުވާފަދަ ކޯލެއް އަތުވެއްޖެނަމަ ވީހާވެސް އަވަހަކަށް ފޯނު ކަނޑާލުމަށް ފުލުހުން ވަނީ އިރުޝާދުދީފައެވެ. އަދި އަމިއްލަ އެކައުންޓުގެ އެއްވެސް މައުލޫމާތެއް ހިއްސާނުކުރުމަށާއި، ކަމެއް ސާފުކުރަން ބޭނުންވާނަމަ ބޭންކުގެ ރަސްމީ ހޮޓްލައިނަށް ގުޅުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން، މިފަދަ ކަމެއް ދިމާވެއްޖެނަމަ ލަސްނުކޮށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓުކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަމިއްލަ ފައިސާއާއި މުދާ ރައްކާތެރި ކުރުމަށް އާންމުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވުމަކީ މުހިންމު ކަމެއްކަމަށް ފުލުހުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު